އެކްތާ ކަޕޫރަކީ ޓީވީ ސިލްސިލާތައް ބަލާ މީހުންނަށް ވަރަށް އަޑު އިވޭނެ ނަމެކެވެ. ފާއިތުވީ 20 ވަރަކަށް އަހަރު ތެރޭގައި އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދެއްކި އެންމެ ކާމިޔާބު އެންމެ މަގްބޫލު ސިލްސިލާތައް އުފައްދާފައި ވަނީ އެކްތާ ކަމަށް ވާތީ އެވެ.
ވަރަށް ޅަ އުމުރުގައި އެކްތާ އަމިއްލައަށް ކުންފުންޏެއް އުފައްދައި ޓީވީ ސިލްސިލާތައް އުފެދުމުގެ މަސައްކަތް ފެށި އެވެ. ފަހުން ފިލްމުތަކާއި ވެބް ސީރީޒްތައް އުފެއްދުމުގައި ވެސް އެކްތާ ވަނީ ފާހަގަ ކުރެވޭ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ނަމަވެސް އެކްތާ އުފައްދާފައިވާ ހުރިހާ ޝޯ ތަކަކީ އޭނާ އެންމެ ހިތްހަމަޖެހޭ ޝޯ ތަކެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ޝޯތައް އުފެއްދުނީތީ އެކްތާ މިހާރު ހިތާމަ ކުރެ އެވެ. ހައްސަކޮށް މާ ބޮޑަށް ރުޅި އާއި އަނިޔާވެރިކަން ދައްކާ ޝޯތައް ނޫފެއްދުނު ނަމައޭ މިއަދު ހިތަށް އަރަ އެވެ.
ތަންކޮޅެއް ކުރިން އެކްތާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ބައެއް ޝޯތައް ބަލާފައި މި ޝޯ ބަލަން މީހުން ބޭނުންވާނީ ވެސް ކޮން ސަބަބަކާ ހުރެ ހެއްޔޭ އަމިއްލަ ހިތާ ސުވާލު ކުރެވޭ ކަމަށެވެ.
"ބައެއް ޝޯތައް ފަހުން ބަލާލުމުން ހިތަށް އަރާ ދެން މީ ކޯޗެއްހޭ؟ މިކަހަލަ ޝޯތައް ލިޔުންތެރިން ލިޔަނީ ކިއްވެހޭ؟" އެކްތާ ބުންޏެވެ.
އެކްތާގެ އިންޓަވިއުގައި އޭނާ ބުނެފައިވަނީ ގޮތުގައި 2003 ގައި ސްޓާ ޕްލަސް އިން ދެއްކި "ކަހީނ ތޯ ހޯގާ" އުފެއްދި ދުވަސްވަރު އޭނާ ހުރީ އެ ޝޯގައި ދެއްކި ސޫޖަލްގެ ކެރެކްޓާއާ ހެދި މޮޔަވެފަ އެވެ އާމްނާ ޝަރީފް އާއި ރާޖީވް ކަންޑެލްވާލް ލީޑް ރޯލުތައް ކުޅުނު މި ސިލްސިލާގައި ސޫޖަލްގެ ރޯލު ކުޅުނީ ރާޖީވް އެވެ. އެހެންވީމާ މި ޝޯއަކީ އޭނާގެ އެންމެ ފޭވަރިޓް އެއް ސިލްސިލާ އެވެ. ނަމަވެސް އެ ސިލްސިލާއެއް ނޫފެއްދުނުނަމޭ ހިތަށް އެރި ޝޯތައް ވެސް ހުރި ކަމަށް އެކްތާ ބުންޏެވެ. ނަމަވެސް އޭނާ ޝޯތަކުގެ ނަމެއް ހާމައެއް ނުކުރެ އެވެ.
އެކްތާ ބުނި ގޮތުގައި އޭނާއަކީ މީހުން ޖަޖުކުރާ މީހެއް ނޫނެވެ. ތަފާތު ވައްތަރުގެ ތަފާތު ފިލްމުތަކާއި ސިލްސިލާތައް އުފެއްދޭ ގޮތްވީ އެހެންވެ އެވެ.
އެކްތާގެ ޒާތީ ދިރިއުޅުން ވެސް އޭނާގެ ސިލްސިލާތައް ހާ ޝައުގުވެރި އެވެ. އުމުރުން 46 އަހަރުވީއިރު ވެސް އޭނާ ކައިވެންޏެއް ނުކުރެ އެވެ. އަދި ދަރިއަކު ވެސް ހޯދީ ސަރަގޭޓް މަންމައެއް މެދުވެރިކޮށެވެ. އޭނާ ބުނެފައިވާ ގޮތުގައި ދުވަހަކު ވެސް ކައިވެންޏެއް ކުރާނަންތޯ ނުކުރާނަންތޯ ވެސް ނުނިންމުނީމަ އެންމެ ފަހުން 36 އަހަރުގައި ބިސް ނަގައި ލެބޯޓްރީގައި ރައްކާ ކުރީ ކަމަށެވެ. އަދި ކުއްޖަކު ހޯދީ އޭގެން ބިހަކުން ކަމަށެވެ.