ބޮލީވުޑް

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ އާ މޫނުތަކަކީ ރަންދީޕް އާއި ނީތީ

ސޮނީ ޓީވީގެ މަގްބޫލު ޝޯ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ލީޑް ރޯލަށް މުޅިން އާ މޫނުތަކެއް ތައާރަފް ކުރަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ޝޯ އެތައް އަހަރެއް ކުރިޔަށް ޖައްސާލައި މިހާރު ލީޑް ރޯލު ކުޅޭ ދިޝާ ޕަރްމާރް އާއި ނަކުލް މެހެތާގެ ރާމް އާއި ޕްރިޔާގެ ކެރެކްޓާ މަރުވާ ކަމަށް ދެއްކުމަށްފަހު ދެން ޝޯގެ ލީޑް ރޯލުން ފެންނާނީ ރަންދީޕް ރާއީ އައި ނީތީ ޓޭލާ އެވެ.

ނަކުލް އާއި ދިޝާ ޝޯ އިން ވަކިވާން ނިންމީ މި ސިލްސިލާ އެތައް އަހަރެއްގެ ފަސް ދައްކާއިރު އެމީހުންގެ ކެރެކްޓާ އަކީ މާ ދުވަސްވީ ކެރެކްޓާތަކެއްގެ ގޮތުގައި ދައްކަން ހަމަޖެހިފައިވާތީ އެވެ.

މި ޝޯގައި ނީތީ ކުޅޭނީ ރާމް އާއި ޕްރިޔާގެ ދަރިފުޅު ޕީހޫގެ ރޯލެވެ. އަދި ރަންދީޕްގެ ކެރެކްޓާގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

ރާމްގެ ކޮއްކޮ ލަކަންގެ ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން މި ޝޯއަށް ހިތެން ތޭޖްވާނީ ވަނީ ތައާރަފްކޮށްފަ އެވެ. ނަމަވެސް ހިތެން ވެސް ކުޅޭނީ އުމުރުން ދުވަސްވީ ކެރެކްޓާއެއް ކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

ރާމް އާއި ޕްރިޔާ އެކްސިޑެންޓެއްގައި މަރުވާ ކަމަށް ދެއްކުމަށްފަހު ދެން ދައްކަން ހަމަޖެހިފައިވަނީ އެތައް އަހަރެއްގެ ފަހެވެ. އެމީހުންގެ ދަރިފުޅު ޕީހޫ ބޮޑުވެފައި ހުއްޓަ އެވެ.

ނަކުލް އާއި ދިޝާ މި ޝޯއިން ވަކިވާން ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އެއްގޮތަކަށް ވެސް ނޭދެ އެވެ. ނަމަވެސް އެ މީހުން ޝޯގައި ދެމި ތިބެން ބޭނުން ނުވީ އެވެ.

ރަންދީޕް ކުރިން ފެނިފައިވަނީ ކަލާޒް ޓީވީގެ "ބާލިކާ ވަދޫ 2" ގައި އާނަންދްގެ ރޯލުންނެވެ. ނީތީ އެންމެ ފަހުން ފެނިފައިވަނީ ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ 10"ގައި ވާދަކުރި ބައިވެރިއެއްގެ ގޮތުގަ އެވެ. އަދި "ކެއިސީ ހޭ ޔާރިޔާން" ފަދަ ސީރީޒްތައް ނީތީ ކުޅެފައި ވެއެވެ.