ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ އޯޓީޓީ ޗެނަލް އަލްޓް ބާލާޖީ އިން ދެއްކި ސީރީޒެއްގައި ވިޔާނުދާ މަންޒަރުތައް ގިނަ ކަމުން ޝަމްބޫ ކުމާރު ކިޔާ މީހަކު ވަނީ ކޯޓަށް މި މައްސަލަ ހުށަހަޅާފަ އެވެ.
އެކްތާއާ ދެކޮޅަށް މި މީހާ ކޯޓަށް ދިޔައީ އޭނާ ޕްރޮޑިއުސްކުރި ވެބް ސީރީޒް "އެކްސްއެކްސްއެކްސް"ގައި ވިޔާނުދާ މަންޒަރުތައް ހުރިކަމަށް ބުނެ އެވެ.
އެކްތާއާ ދެކޮޅަށް ޝަމްބޫ ކުމާރު ބިހާރުގެ ބެގުސަރާއީ ޑިސްޓްރިކްޓްގެ ޓްރަޔަލް ކޯޓަކަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކްތާ ހައްޔަރުކުރުމުގެ އަމުރެއް އެ ކޯޓުން ވަނީ ނެރެފަ އެވެ. މި އަމުރު ބާތިލްކޮށްދިނުމަށް އެދި އެކްތާ ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
ހުކުރު ދުވަހު ސުޕްރީމް ކޯޓުން ވަނީ އެކްތާ ހުށަހެޅި ޕެޓިޝަންގެ އަޑުއެހުމެއް ބާއްވާފަ އެވެ. ނަމަވެސް މި އަޑުއެހުމުގައި ކަންތައްވީ އެކްތާގެ ގާނޫނީ ވަކީލުން ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ. ސުޕްރީމް ކޯޓުގެ ނުރުހުން ވެސް އެކްތާ އަށް އަމާޒުވީމަ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައިވާ ހަބަރެއްގައިވާ ގޮތުން އިންޑިއާގެ ސުޕްރީމުން ކޯޓުން އެކްތާ އަށް އަންގާފައިވަނީ އޭނާ ތައްޔާރުކުރާ ފިލްމުތަކާއި ސީރީޒްތަކުގެ ސަބަބުން ޒުވާން ޖެނެރޭޝަންގެ ސިކުނޑިތައް ކިލަނބުވަމުންދާ ކަމަށެވެ.
އެކްތާ އުފައްދާ ފިލްމުތަކާއި ސީރީޒްތަކުގެ ދިފާއުގައި ވާހަކަ ދައްކަމުން އޭނާގެ ވަކީލު ރޯހަތުގީ ބުނީ އެ ކޮންޓެންޓްތައް ދައްކަނީ ސަބްސްކްރައިބް ކޮށްގެން އެ ބަލަން ބޭނުންވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އިންޑިއާގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން އެއްޗެއް ބެލުމުގެ މިނިވަންކަން އޮންނަ ކަމަށެވެ.
އެކްތާގެ ވަކީލުގެ ވާހަކައަށް ޖަވާބުދެމުން ބެންޗުން ބުނީ ކޮންމެ ފަހަރަކު އެމީހުން މިފަދަ ޕެޓިޝަންތައް ހިފައިގެން ކޯޓަށް އައުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މިފަދަ ޕެޓިޝަންތައް ހުށަހަޅާތީ އޭގެ އަގު އަދާކުރަން ޖެހޭވަރު ކުރާނެ ކަމަށެވެ. އަދި އޭނާގެ ކްލައިންޓަށް (އެކްތާ އަށް) މި މެސެޖު ރައްދުކޮށްދިނުމަށެވެ.
ކޯޓުން އިތުރަށް ބުނި ގޮތުގައި އެކްތާ ކަހަލަ މީހުންނަށް މޮޅު ގާނޫނީ ވަކީލުން ހޯދުމުގެ ކުޅަދާނަކަން ލިބިގެން ވިޔަސް އެ ކޯޓަކީ އެފަދަ މޮޅު ގާނޫނީ ވަކީލުން ދައްކާ ވާހަކަ އަޑުއަހަން އޮތް ތަނެއް ނޫން ކަމަށެވެ. އެ ކޯޓަކީ އެ ބަޔެއްގެ އަޑު އިއްވުމުގެ ގާބިލްކަން ނެތް މީހުންގެ އަޑު އަހަން އޮތް ތަނެއް ކަމަށެވެ.
އެކްތާގެ މައްސަލަ ޖެހިގެން އުޅޭ ސީރީޒްގެ ދެ ސީޒަނެއް މިހާތަނަށް ދައްކާފައި ވެއެވެ. ފުރަތަމަ ސީޒަންގައި ހަ އެޕިސޯޑު އަދި ދެވަނަ ސީޒަންގައި ފަސް އެޕިސޯޑެއް ދެއްކި އެވެ.