ބޮލީވުޑް

ނާގިން 6: މިފަހަރު ހަރުފަ އެހެން ޕްލެނެޓަކުންތަ؟

ކަލާޒް ޗެނަލުން ދައްކާ ޕްރޮޑިއުސާ އެކްތާ ކަޕޫރުގެ "ނާގިން" ގެ ހަ ވަނަ ސީޒަނެއް ވަރަށް ފަށަން ހަމަޖެހިއްޖެ އެވެ. "ނާގިން 6" ގެ ޕްރޮމޯ މިހާރު ދައްކަން ފަށާފައިވާއިރު މި ސިލްސިލާގެ ކުރީގެ ފަސް ސީޒަނަށް ލިބުނު ވަރުގެ ބޮޑު ތަރުހީބެއް މިފަހަރު ވެސް ލިބޭނެ ކަމަށް ޕްރޮމޯ ބަލާފައި ލަފާ ކުރެވެ އެވެ.

"ނާގިން" އަކީ އިންޑިއާގެ ޓީވީތަކުން މިހާތަނަށް ދައްކާފައިވާ އެންމެ ކާމިޔާބު އެއް ސީރީޒް އެވެ. ހޯމަ ދުވަހު ބާލާޖީ ޓެލެފިލްމްސް އިން ސޯޝަލް މީޑިއާގައި ޝެއާ ކުރި "ނާގިން 6" ގެ ޓީޒާގައި ބުނަނީ 2019 ގައި ކޮރޯނާވައިރަހާ ދުނިޔެއަށް ކުރިމަތިވުމަށް ފަހު ބޮޑު ބަދަލެއް ދުނިޔެއަށް އައިސްފައިވާ ކަމަށެވެ. އަދި މިބަދަލު ފެނިފައި އެންމެން އިންތިޒާރު ކުރަމުންދާ "އެތި" އެނބުރި އަންނަން ތައްޔާރުވެއްޖެ ކަމަށެވެ.

މި ޝޯ އިއުލާން ކުރުމާއެކު މިފަހަރުގެ ޝޯގައި ލީޑް ރޯލު ކުޅޭނެ އެކްޓަރުންނަކީ ކޮބައިތޯ ވެސް މީހުން ދަނީ ސުވާލު ކުރަމުންނެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު އެއްބަޔަކު ބޭނުން ވަނީ މިފަހަރުގެ ސީޒަންގައި "އިންސާނަކަށް ބަދަލުވެވޭ ހަރުފަ" އިގެ ރޯލު ރިދިމާ ޕަންޑިތު ކުޅުމަށެވެ. އަނެއް ބަޔަކު ބޭނުން ވަނީ ރޫބީނާ ޑިލައިކް މި ރޯލަށް ލާށެވެ. އަދި މެހެކް ޗެހެލް މި ޝޯގައި ބައިވެރިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

"މިފަހަރު ހަރުފަ އަންނަނީ އަނެއްކާ އެހެން ޕްލެނެޓަކުންތަ؟" ޚިޔާލު ފާޅުކުރި މީހަކު ސުވާލު ކޮށްފައި ވެއެވެ.

އެމީހާ މި ސުވާލުކުރީ ޕްރޮމޯގައި ހަރުފަ ދުނިޔޭން ބޭރުން އަންނަތަން ފެންނާތީ އެވެ.

"ނާގިން 6" އުފައްދަން ފަށާކަން އެކްތާ ކަޕޫރު އިއުލާންކުރީ މިދިޔަ އަހަރު އެވެ. ނަމަވެސް ޕްރޮމޯ ދައްކަން ފަށާފައި މިވަނީ އިއްޔެ އެވެ. އެކްތާ އަށް ކޮވިޑް ޖެހިގެން އުޅޭކަން ވެސް އޭނާ އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އެހެންކަމުން މި ސިލްސިލާ ފެށޭލެއް އިތުރަށް ލަސް ވެދާނެކަމަށް ބެލެވެ އެވެ.