ބޮލީވުޑް

ކަޕިލް ޝޯގައި މޯޝުމީ ޗެޓަޖީ ބައިވެރިވެ އެންމެން ހެއްވާލައިފި

މޯޝުމީ ޗެޓަޖީ އަކީ 70 އަދި 80ގެ އަހަރުތަކުގައި ވަރަށް މަޝްހޫޜުވި ބަތަލާ އެކެވެ. ފަހަކަށް އައިސް މޯޝުމީ ފިލްމުކުޅެނީ ހާލަކުން ފަހަރަކު އެވެ. އަދި ޓީވީ ޝޯތަކުގައި ވެސް އޭނާ ވަރަށް ބައިވެރިވެ ނުވެ އެވެ. ނަމަވެސް ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ކުރިއަށް އޮތް އެޕިސޯޑުގައި މޯޝަމީ ވަނީ ހަމަ އެ ޒަމާނުގެ ބަތަލާއެއް ކަމަށްވާ ރީނާ ރޯއީ އާއެކު ބައިވެރިވެފަ އެވެ.

މި އެޕިސޯޑުގެ ޕްރޯމޯ މިހާރު ދައްކަން ފަށާފައިވާއިރު ޕްރޮމޯގައި ފެންނަ މަންޒަރުތަކުން މޯޝަމީ އަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެއްކަން ޔަގީން ކުރެވެ އެވެ.

މޯޝަމީ ކުޅެފައިވާ ފިލްމުތަކުގައި އޭނާ ގިނައިން ކުޅެފައި ހުންނަނީ ވަރަށް މަޑުމައިތިރި އަދި ހިތާމަވެރި ރޯލުތަކެވެ. އެހެންވެ އޭނާއަކީ އަސްލު ދިރިއުޅުމުގައި ވެސް މަޑުމައިތިރި މިޒާޖެއްގެ މީހަކަށް ވާނެކަމަށް ގިނަ ބަޔަކަށް އޮތީ ހީވެފަ އެވެ. ނަމަވެސް މި ޝޯގައި މޯޝަމީ ވަނީ އޭނާއަކީ ކަޕިލް އާއި މި ޝޯގެ އެހެނިހެން ކޮމޭޑިއަނުންނަށް ދޫނުކުރާ ވަރުގެ މަޖާ މީހެއް ކަން ސާބިތުކޮށްދީފަ އެވެ.

މޯޝަމީގެ މަޖާ ވާހަކަތަކުން ކަޕިލް ވެސް ބައެއް ފަހަރު ބަސް ހުއްޓި ހީނހީނ ހަލާކުވާ ވަރުވި އެވެ. އަދި މި ޝޯގައި ބައިވެރިވާ އެހެނިހެން ކޮމޭޑިއަނުންނަށް ވެސް އެމީހުން ކިޔަންޖެހޭ ޑައިލޯގްތައް އޮޅި ހަދާނެ ގޮތް ހުސްވިތަން ވެސް ޕްރޯމޯގައި ފެނިފައި ވެއެވެ.

މި ޝޯގައި މޯޝަމީ ވަނީ މިޒަމާނުގެ އެކްޓަރުންނަށް ވެސް ނުސީދާ ކޮށް މަލާމާތްކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ކުރީ ޒަމާނުގައި ހީރޯ އަކު ފެނިއްޖެނަމަ އެއީ ބަތަލުކަން އެންމެންނަށް ވެސް އެނގޭނެ އެވެ. ނަމަވެސް މިޒަމާނުގައި ބަތަލަކު އައިސް އެމީހާގެ ފުލުގައި ޖައްސާފައި ހުއްޓަސް އެއީ ބަތަލެއް ކަން މީހުންނަށް ނޭނގުމަކީ ވަރަށް ގާތް ކަމެކެވެ.

އަދި ކޮމޭޑިއަން ކިކޫ ޝާރުދާ އައިސް މޯޝަމީ ކައިރިއަށް ހުއްޓި 'ދޮންކެޔޮ ވަކެއް ނަގަންތޯ' ސުވާލު ކުރުމުން މޯޝަމީ ވަނީ އޭނާއަށް ވެސް ރަނގަޅަށް ރައްދު ދީ އެންމެން ހެއްވާލާފަ އެވެ.

އަދި ކުރުޝްނާ އަބީޝެކް އައިސް ހެއްވާ ވާހަކައެއް ދައްކައި އެންމެން ހެއްވާލަން އުޅެން ފެށުމުން "ކަލޭ ތިއުޅެނީ ފާޚާނާއަށް ދާން ޖެހިގެންހޭ" މޯޝަމީ ސުވާލު ކުރެ އެވެ. އަދި އެ ވަގުތު ކްރުޝްނާ ވެސް ކިޔަންޖެހޭ ޑައިލޯގް ހަނދާންނެތެ އެވެ. އަދި އެންމެންނަށް ވަރަށް ބާރަށް ހެވެ އެވެ.