ބޮލީވުޑް

ސުނިލްއާ ޖެހުނު މައްސަލަ ފުރަތަމަ ފަހަރަށް ކަޕިލް ކިޔައިދީފި

އިންޑިއާގެ މަޝްޙޫރު ދެ ކޮމޭޑިއަނުން ކަމަށްވާ ކަޕިލް ޝަރުމާ އާއި ސުނިލް ގްރޯވަރަކީ އެއް ދުވަސްވަރެއްގައި ވަރަށް ގާތްކޮށް އުޅުނު ދެ ފަންނާނުންނެވެ. "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" އާއި "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ސުނިލް އާއި ކަޕިލް އެތައް އަހަރެއް ވަންދެން އެކުގައި މަސައްކަތް ކުރި އެވެ.

ކަޕިލްގެ ޝޯގައި "ޑރ. މަޝްހޫރު ގުލާޓީ" އާއި "ގުއްތީ" ކިޔާ އަންހެނެއްގެ ރޯލުން ސުނިލް ވަރަށް މަގްބޫލުކަން ހޯދި އެވެ. އަދި ބެސްޓް ފްރެންޑުންގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް މި ޝޯގައި ދެ މީހުން އެކުގައި މަސައްކަތް ކުރި އެވެ.

މީގެ އަހަރުތަކެއް ކުރިން ދެ ފަންނާނުން ޝޯތަކެއް ބާއްވަން ދުނިޔޭގެ އެކި ގައުމުތަކަށް ކުރި ޒިޔާރަތަކަށް ފަހު އެނބުރި އައި ފްލައިޓް ތެރޭގައި ކަޕިލް އާއި ސުނިލްގެ މެދުގައި ވަރަށް ވަރުގަދަ ޒުވާބެއް ހިނގި އެވެ. އަދި ކަޕިލްގެ ޝޯއިން ވަކިވާން ސުނިލް ނިންމި އެވެ. ނަމަވެސް އެމީހުންގެ މެދުގައި ޖެހުނު މައްސަލަ އާ ގުޅޭ ގޮތުން ކަޕިލް މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

ކަޕިލް ކުޅެފައިވާ "ޒުވިގާޓޯ" ރިލީޒްކުރުމާ ދިމާކޮށް އޭނާ ދީފައިވާ އިންޓަވިއު އެއްގައި ފުރަތަމަ ފަހަރަށް މިކަން ހިނގައިދިޔަ ގޮތް ކަޕިލް ކިޔައިދިނެވެ.

ކަޕިލް އެއްބަސްވީ ގޮތުގައި އޭނާ ވަރަށް ރުން ކުރުވެ ރުޅިގަދަވެގެން އުޅުނު އިރެއް ދިޔަ އެވެ. ސުނިލް އާ މައްސަލަ ޖެހުނީ ވެސް އެ ދުވަސްވަރު އެވެ.

ތަފާތު ސަބަބު ތަކާ ހެދި ކަޕިލްގެ ޝޯ އިން ވަކިވި މަޝްހޫރު ކޮމޭޑިއަން އަކީ ހަމައެކަނި ސުނިލް އެއް ނޫނެވެ. ޝޯގައި މާމައެއްގެ ރޯލު އަދާކުރި އަލީ އަސްގަރް އާއި ކަޕިލްގެ ކުޑައިރުގެ އެކުވެރިޔާގެ ރޯލު ކުޅުނު ޗަންދަން ޕްރަބާކަރް އަދި ސަޕްނާގެ ރޯލު ކުޅުނު ކްރުޝްނާ އަބީޝެކް ވެސް ވަނީ ތަފާތު ސަބަބުތަކާ ހެދި ޝޯ އިން ވަކިވެފަ އެވެ.

އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަޕިލް ބުނި ގޮތުގައި އެއް އިރެއްގައި ވެސް އޭނާގެ ވާދަވެރި ކޮމޭޑިއަނުންނަށް އޭނާ ހަސަދަވެރިއެއް ނުވެ އެވެ. އެމީހުން ޝޯ އަށް ގެނައީ ވެސް ޚުދް އޭނާ ކަމަށާއި އެއީ އެމީހުންގެ ހުނަރުވެރިކަން ފެނިފައި ޝޯގައި ބައިވެރިކުރަން ބޭނުންވެގެން ކަމަށް ކަޕިލް ބުންޏެވެ.

"އަހަރެން އެއްބަސްވަން އަހަރެންނަކީ ވަރަށް ސިނގުރުޅި އަންނަ މީހެއް. ވަރަށް އަވަހަށް ވަރަށް ގަދަޔަށް އަހަރެން ރުޅިއާދޭ. އެއީ އަހަރެންގެ ލޭގައި ހުރި ކަމެއް. އަދި ރުޅިއައިމަ ހައްދުފަހަނަޅާ މީހެއް އަހަރެންނަކީ. އަހަރެން މީހުން ދެކެ ލޯބިވާ އިރު ލޯބިވެސް ވާނީ އެހާ ގަދަޔަށް. ރުޅިއައިމަ ރުޅިވެސް އެހާ ގަދަ ކުރެވޭ. އެކަމަކު މިހާރު މި އުނި ސިފަ ރަނގަޅުކުރަން އަހަރެން ވަރަށް މަސައްކަތްކޮށް އިސްލާޙު ވެއްޖައިން،" ކަޕިލް ބުންޏެވެ.

ކަޕިލް ބުނި ގޮތުގައި އޭނާއަކީ ވަރަށް ވާދަވެރިކަން ބޮޑު މީހެއްކަމަށާއި އެހެން ފަންނާނުންނާ ވެސް އޭނާ މާ ބޮޑަށް ވާދަވެރިވެ ދުޝްމަން ވަނީކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާ އެއްވެސް މީހަކާ ދެކޮޅުވެރިވެގެން ނޫޅޭ ކަމަށާއި އޭނާ ވާދަކުރަނީ ޚުދް އޭނާއާ ކަމަށް ކަޕިލް ބުންޏެވެ.

"އަހަރެންނަކީ ވަރަށް ފޮނި، ބޮޑާ މީހެކޭ ކިޔަސް ހެޔޮ. އަހަރެންގެ ޝޯއިން ވަކިވި ފަންނާނުން ކުރެން އަހާބަލަ ކީއްވެހޭ ވަކިވީ. ސުނިލް ފިޔަވައި އެހެން ހުރިހާ އެކްޓަރުންނާ އަހަރެންގެ ގުޅުން އަބަދުވެސް ވަރަށް ރަނގަޅު. ނަމަވެސް ސުނިލް އާ އޮންނަ ގުޅުން އަދިވެސް އެހާ ރަނގަޅެއް ނުވޭ. ސުނިލް އަށް ހާޓް އެޓޭކެއް ޖެހުނީމަ ވަރަށް ދެރަވި. އަދި އޭނާއަށް މެސެޖުވެސް ކުރިން،" ކަޕިލް ބުންޏެވެ.

ކަޕިލްގެ ޝޯ އިން ސުނިލް ވަކިވުމުން އޭ ޝޯގެ ރޫހު ގެއްލިފައިވާ ކަމަށް ޝޯގެ ފޭނުން ގަބޫލު ކުރެ އެވެ. އަދި މިދިޔަ ސީޒަންގައި އެންމެ މަޖާކޮށް އުޅުނު ކްރުޝްނާ އަބީޝެކް (ސަޕްނާ) އާއި ޗަންދަން ނެތުމުގެ ފަޅުކަން މިހާރުވެސް ކަޕިލްގެ ޝޯ އިން ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ.