ބޮލީވުޑް

ބޮޑުބޭބެ ގޯވިންދާ އާ ސުލްހަވާން ކްރުޝްނާ ބޭނުން

މަޝްހޫރު އެކްޓްރު ގޯވިންދާ އާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކްރުޝްނާ އަބީޝެކްގެ މެދުގައި އޮތް އަރާރުން ހުއްޓާލައި ސުލްހަވާން ބޭނުން ކަމަށް ކްރުޝްނާ ބުނެފި އެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަޕްނާގެ ރޯލު ކުޅޭ ކުޅަދާނަ ކޮމޭޑިއަން ކްރުޝްނާ ބުނި ގޮތުގައި ބޮޑުބޭބެ އާއި ބޮޑުބޭބެގެ އަންހެނުން ސުނީތާ އަހޫޖާ އާ ސުލްހަވާން އޭނާ ވަރަށް ބޭނުމެވެ.

ނަމަވެސް ގޯވިންދާގެ އަންހެނުން އެގޮތް ބޭނުން ނޫކަން ދާދިފަހުން އޭނާ ވަނީ ވަރަށް ސާފު ބަހުން ބުނެފަ އެވެ. ކަޕިލްގެ ޝޯގައި ގޯވިންދާ އާއި ސުނިތާ ބައިވެރިވާ އެޕިސޯޑެއްގައި ބައިވެރިވާން ކްރުޝްނާ ދެކޮޅު ހެދި ވާހަކަ ނޫސްތަކުން ފެނިގެން ސުނީތާ ވެސް ވަނީ ނޫސްތަކަށް އިންޓަވިއު ދީފަ އެވެ. އޭނާ ބުނި ގޮތުގައި އާއިލީ މައްސަލަތަކުގެ ވާހަކަތައް އާންމުންނަށް އިވޭ ގޮތަށް ނުދައްކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގޯވިންދާ ވައުދުވެފައިވާ ކަމަށާއި އެ ވައުދާ އެއްގޮތަށް ގޯވިންދާ ކަންތައް ކުރާ ކަމަށެވެ. ނަމަވެސް ކްރުޝްނާ އަށް އަނގަ މަޑުން ލައިގެން ބޮޑުބޭބެ އޭ ކިޔައިގެން ކޮންމެވެސް އެއްޗެކޭ ނުކިޔާ ނުހުރެވޭ ކަމަށާއި އެކަމާ އެމީހުން ވަރަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް ސުނީތާ ބުންޏެވެ.

"އޭނާ އިރުއިރުކޮޅާ ބޮޑުބޭބެ މިހެންނޭ ބޮޑުބޭބެ އެހެނޭ ކިޔައިގެން ކޮންމެވެސް އަނގައެއް އެބަ ތަޅާ. ބޮޑުބޭބެގެ ވާހަކަ ނުދައްކާ އޭނާގެ އަމިއްލަ ހުނަރުން ޝޯ ކާމިޔާބު ކުރެވޭނެ ފެންވަރު ނެތީތަ؟" ސުނީތާ ބުންޏެވެ.

މި ހަފުތާގައި ދައްކާ ކަޕިލްގެ ޝޯގައި ބައިވެރި ވާހަކަ ދައްކަމުން ސުނިތާ ބުނީ ކްރުޝްނާ އާ ސުލްހަވާން ބޭނުން ނުވާ ކަމަށެވެ. އަދި ދުވަހަކު ވެސް އޭނާގެ މޫނު ވެސް ދެކެން ބޭނުންނުވާ ކަމަށް ސުނީތާ ބުންޏެވެ.