ބޮލީވުޑް

ޑރ. މަޝްހޫރު ގުލާޓީގެ ކެރެކްޓާގައި ސުނިލް އެނބުރި އަތުވެއްޖެ

'ދަ ކަޕިލް ޝަރުމާ ޝޯ"އިން މަޝްހޫރުކަން ހޯދި ކޮމޭޑިއަން ސުނިލް ގްރޯވަރު އެ ޝޯގައި އޭނާ އަދާކުރި މަގްބޫލު ކެރެކްޓާއެއް ކަމަށްވާ ޑރ. މަޝްހޫރު ގުލާޓީގެ ގޮތުގައި ސްކްރީނަށް އެނބުރި އަތުވެއްޖެ އެވެ. އެތައް އަހަރެއް ވަންދެން ކަޕިލް ޝަރުމާ އާއެކު އޭނާގެ ޝޯގައި މަސައްކަތް ކުރުމަށްފަހު ކުއްލިއަކަށް ސުނިލް އެ ޝޯ އިން ވަކިވީ ކަޕިލް އާ ޖެހުނު މައްސަލަ އަކާ ގުޅިގެންނެވެ.

ސުނިލް ސްކްރީނަށް އެނބުރި އައި ނަމަވެސް އޭނާ މިފަހަރު ބައިވެރިވަނީ ކަޕިލްގެ ޝޯ އަކު ނޫނެވެ. ސުނިލް ބައިވެރިވަނީ ކަޕިލްގެ ޝޯ މެދުކަނޑާލުމަށްފަހު ސޮނީ ޓީވީން މިހާރު ދައްކަމުންދާ މުޅިން އާ ކޮމެޑީ ޝޯ "އިންޑީއާޒް ލާފްޓާ ޗެމްޕިއަން" ގަ އެވެ.

ޑރ. މަޝްހޫރު ގުލާޓީގެ ކެރެކްޓާގައި ސުނިލް ޝޯގައި ބައިވެރިވާކަން އެނގުމުން އޭނާގެ ފޭނުން އުފަލުން ގޮސް މަރުހަބާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލާފައި ވެއެވެ.

"އިންޑީއާޒް ލާފްޓާ ޗެމްޕިއަން"ގެ ފަނޑިޔާރުންނަކީ ޝޭކަރް ސުމަން އާއި އަރްޗަނާ ޕޫރަން ސިންގް އެވެ. ކަޕިލްގެ ޝޯގެ ބައެއް ބައިވެރިން މި ޝޯގައި ބައިވެރިވީ ނަމަވެސް ގިނަ ކޮމޭޑިއަނުން ވަނީ ކަޕިލް އާއެކު އެމެރިކާގައި ޝޯތަކެއް ދޭން އެ ގައުމަށް ގޮހެވެ. ކަޕިލް އާއެކު ދިޔަ ކޮމޭޑިއަނުންގެ ތެރޭގައި ކީކޫ ޝާރްދާ، ސުމޯނާ ޗަކްރަވަރްތީ، ޗަންދަން ޕްރަބާކަރް އަދި ކުރުޝްނާ އަބީޝެކް ހިމެނެ އެވެ.