ބޮލީވުޑް

ކަޕިލް ޝޯ: އަރްޗަނާ ބުނަނީ ހުރިހާ ޖޯކަކަށް ނުހޭ ކަމަށް

ސޮނީގެ މަޝްހޫރު ކޮމެޑީ ޝޯ ކަޕިލް ޝަރުމާ ޝޯގެ ޖަޖް އަރްޗަނާ ޕޫރަން ސިންގް އެ ޝޯގައި އެއްވެސް ކަމެއް ނުކޮށް އަބަދު ހެނީ ކަމަށް ކަޕިލް އާއި ވަރަށް ގިނަ މީހުން އަބަދުވެސް ކިޔަ އެވެ. ނަމަވެސް އަރްޗަނާ ބުނަނީ މިއީ ތެދު ވާހަކައެއް ނޫން ކަމަށާއި ޝޯގައި ކިޔާހާ ޖޯކަކަށް އޭނާ ނުހޭ ކަމަށެވެ.

އަރްޗަނާ ބުނި ގޮތުގައި އޭނާ ކޮންމެ ޖޯކަކަށް ވަރަށް ބާރަށް ހީނގަންނަ ތަން ފެންނަނީ ޝޯ އެޑިޓްކުރާ މީހުން ކުރާ ކަމެއް ކަމަށެވެ. ހުރިހާ ފަހަރަކު އޭނާ ނުހީނ އިނަސް އެޑިޓް ކުރާއިރު އޭނާ ކޮންމެވެސް އެހެން އިރަކު ހޭ މަންޒަރެއް ލައިގެން އެޑީޓް ކޮށްފައި ހުންނަ ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ކުރަން ރަނގަޅު ނޫންކަމެއް ކަމަށް ވެސް އަރްޗަނާ ބުންޏެވެ.

"ބައެއް ފަހަރު ވަރަށް ފޫހި ޖޯކުތަކެއް ވެސް އަހަރެން ހޭ ތަން އެބަ ދައްކާ. ހަގީގަތުގައި އެފަދަ ޖޯކުތަކަށް އަހަރެން ނުހެން. މިއީ ޝޯ އުފައްދާ ފަރާތުގެ މައްސަލައެއް ނޫން. އެހެންވެ ވަރަށް ދެރަވޭ. އެޑިޓްކުރާ މީހުން މިހާރަށް ވުރެ ފަރުވާތެރިވާން ޖެހޭނެ ކަމަށް އަހަރެން ދެކެން،" އަރްޗަނާ ބުންޏެވެ.

އަރްޗަނާ ބުނި ގޮތުގައި އެތައް ގަޑިއިރެއް ވަންދެން ގޮނޑިއެއްގައި އިނދެ ހުރިހާ އެކްޓްތަކެއް ޖަޖް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ކަޕިލް ޝޯގައި އާޓިސްޓުން ކިޔާ ހުރިހާ ޖޯކަކަށް އޭނާ ނުހޭ ނަމަވެސް އެގޮތަށް ދައްކަނީ ކަމަށް އަރްޗަނާ ބުންޏެވެ.

އަރްޗަނާގެ ކުރިން ކަޕިލް ޝޯގައި ޖަޖްކަން ކުރީ ނަވްޖޯތު ސިންގް ސިދޫ އެވެ. ސިދޫ ޝޯއާ ވަކިވުމުން 2019 ފެބްރުއަރީއިން ފެށިގެން ޝޯގެ ޖަޖްކަން އަރްޗަނާ އަށް ލިބުނީ އެވެ. މިކަމާ ވެސް ޝޯގެ ކޮންމެ އެޕިސޯޑެއްގައި ހެން އަރްޗަނާ އާ އެންމެން ދިމާކުރެ އެވެ. އަދި މިއީ ސޯޝަލް މީޑިއާގައި ވެސް މީހުން ވަރަށް ޖޯކު ޖަހާ ކަމެކެވެ.