ބޮލީވުޑް

ކަޕިލް ޝަރުމާ ޝޯގެ ބަދަލުގައި އާ ކޮމެޑީ ޝޯއެއް

މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަނެއްކާވެސް ދުވަސްކޮޅަކަށް ހުއްޓާލަން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ. މިހާރު އަޑު އިވޭ ގޮތުގައި ބްރޭކަކަށް ފަހު ކަޕިލްގެ ޓީމުން ހޫނު މޫސުމުގައި އެމެރިކާއަށް ގޮސް އެ ގައުމުގެ ޝޯއެއް ހޯސްޓް ކުރާނެ އެވެ. އަދި އަލުން ކަޕިލް ޝަރުމާ ޝޯ ފަށާނީ ޓީމު އެނބުރި މުމްބާއި އަށް އައުމުންނެވެ.

ކަޕިލްގެ ޝޯގެ ބަދަލުގައި ދައްކަން ހަމަޖެހިފައި ވަނީ ވެސް ކޮމެޑީ ޝޯ އެކެވެ. "ލާފްޓާ ޗެމްޕިއަންސް" ގެ ނަން ދީފައިވާ މި ޝޯގައި ކަޕިލް ޝޯގައި ފަނޑިޔާރުކަން ކުރާ އަރްޗަނާ ޕޫރަން ސިންގް ބައިވެރިވެ އެވެ. އަރްޗަނާ އާއެކު ޝޯގައި ބައިވެރި ވަނީ މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ޝޭކަރް ސުމަން އެވެ.

ސޮނީން ގަސްތު ކުރަނީ ކަޕިލް ޝޯގެ ކުރީގެ އެޕިސޯޑުތައް ދައްކައިގެން ބެލުންތެރިންގެ ހިތުން އެ ޝޯގެ ހަނދާންތައް ފޮހެނުލާތޯ މަސައްކަތް ކުރުމަށެވެ. އެއާއެކު މުޅިން އާ ކޮމެޑީ ޝޯއެއް ދައްކައިގެން ބެލުންތެރިން މުނިފޫހިފިލުވާ ދޭށެވެ.

ލާފްޓާ ޗެމްޕިއަންސްގެ އެއް ހޯސްޓް ޝޭކަރަކީ ޝޯތައް ހޯސްޓް ކުރުމާއި ކޮމެޑީގެ ރޮނގުން ކަޕިލް އަށް ދޫނުކުރާ ވަރުގެ މޮޅު މީހެކެވެ. ވީމާ ކަޕިލް ނުފެނުނަސް ބެލުންތެރިންނަށް މުނިފޫހި ފިލާ ކަހަލަ ޝޯއެއް ޝޭކަރް ވެސް ހުށަހަޅައި ދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.