ބޮލީވުޑް

ކަޕިލްގެ ޝޯގައި ބައިވެރިނުވަނީ ފައިސާގެ މައްސަލައާ ހެދި: ކްރުޝްނާ

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެންމެ މަޖާ އެއް ކޮމޭޑިއަން އަދި އެ ޝޯގައި ސަޕްނާ ކިޔާ އަންހެން ކެރެކްޓާއެއް ކުޅެގެން މަޝްހޫރުހަން ހޯދާފައިވާ ކްރުޝްނާ އަބީޝޭކް މި ފަހަކަށް އައިސް އެ ޝޯ އިން އެއްގޮތަކަށް ވެސް ނުފެނެ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އޭނާ ޝޯގައި ބައިވެރިނުވަނީ ކޮންޓްރެކްޓްގައި ހުރި މައްސަލަތަކެއްގެ ސަބަބުންނާއި މި ޝޯގެ ޕްރޮޑިއުސަރުން އޭނާއަށް ކޮންމެ އެޕިސޯޑަކަށް ދޭން އެއްބަސްވާ ފައިސާގެ އަދަދާ މެދު ހިތްހަމަނުޖެހިގެންނެވެ.

އިންޑިއާގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕްރޮޑިއުސަރުން އަނެއްކާވެސް ކްރުޝްނާ އަށް ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ދައުވަތު ވަނީ ފޮނުވާފަ އެވެ. ނަމަވެސް މިފަހަރުގެ ސީޒަންގައި ކްރުޝްނާ ދެނެއް ބައިވެރިވެއެއް ނުވާނެ އެވެ.

"އާނ. ތެދެއް އެއީ. އަހަރެންނަށް ގުޅާފައި އަނެއްކާވެސް ޝޯގައި ބައިވެރިވާން ދައުވަތު ދީފި. އެމީހުން ބޭނުން އަހަރެން އެނބުރި ޝޯ އަށް އަންނަން. ނަމަވެސް ދެވަނަ ފަހަރަށް ވެސް އަދިވެސް އަހަރެމެންނަކަށް ފައިސާ އާއި ކޮންޓްރެކްޓްގައިވާ ޚިލާފުތަކާ އެއްބަހެއް ނުވެވުނު. ހުރިހާ ކަމެއްވެސް ފައިސާގެ މައްސަލައާ ހަމައިގައި ތާށިވެފައިވަނީ،" ކްރުޝްނާ ބުންޏެވެ.

ކްރުޝްނާ އިތުރަށް ބުނީ މި ސީޒަންގައި ކަޕިލް ޝޯ އިން އޭނާ ނުފެންނާނެ ކަމަށާއި އާ ސީޒަންގައި ބައިވެރިވާން ގަސްދުކުރާ ކަމަށެވެ.

"ކަޕިލް އާއި ކްރުޝްނާ އެކުގައި ދެކިލަން އޯޑިއަންސް ވަރަށް ޝައުގުވެރިވާނެ ދޯ؟" ކްރުޝްނާ ބުންޏެވެ.

ކަޕިލްގެ ޝޯގައި މިފަހަރު ކްރުޝްނާ ބައިވެރިނުވީ ކަޕިލްއާ އެއްވެސް މައްސަލައެއް ޖެހިގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ކްރުޝްނާ ބުނީ އޭނާއާ ކަޕިލް އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި ކަޕިލްގެ ޝޯގައި ބައިވެރިވާން ފެށިފަހުން އެ ދެ މީހުންގެ ގުޅުން ދުވަހަކުވެސް ބަދަހިނުވާ ވަރަށް ބަދަހިވެފައިވާ ކަމަށް ކްރުޝްނާ ބުންޏެވެ.

"އަރްޗަނާ (ޝޯގެ ޖަޖް) އާއި ކަޕިލްއާ އަހަރެން ވަރަށް ގާތް. އަހަރެން ފުރަތަމަ މި ޝޯގައި ބައިވެރިވާން ފެށިއިރު ކަޕިލްއާ އެހާ ގުޅުން ރަނގަޅެއް ނޫން. ނަމަވެސް ޝޯގައި ބައިވެރިވުމަށްފަހު ކަޕިލްއާ ގާތް ގުޅުމެއް ވަނީ އުފެދިފައި،" ކްރުޝްނާ ބުންޏެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ މިފަހަރުގެ ސީޒަން ނިންމާލަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް މިހާރު ވަނީ ފެތުރެން ފަށާފަ އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަންނަ ޖޫން މަހު މި ޝޯ މެދުކަނޑާލާނެ އެވެ.

ކްރުޝްނާ ބުނީ އާ ސީޒަނެއް ފަށާއިރު ޝޯގައި ބައިވެރިވުމަށް ވިސްނާނެ ކަމަށެވެ.