ބޮލީވުޑް

މުސާރަ ކުޑަވެގެން ބޮޑާ ހޭކި ކްރުޝްނާ އެނބުރި ކަޕިލް ޝޯ އަށް

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ އެންމެ މަޖާ އެއް ބައިވެރިޔާ ކޮމޭޑިއަން ކްރުޝްނާ އަބީޝެކް އެ ޝޯ އަށް އެނބުރި އަންނަކަން ޔަގީން ކޮށްދީފަ އެވެ.

ސަޕްނާ ކިޔާ އަންހެން ކެރެކްޓާއެއް ކަޕިލްގެ ޝޯގައި ކުޅޭ ކްރުޝްނާ މިދިޔަ ހަފުތާގައި ބުނެފައިވަނީ ކަޕިލްގެ ޝޯ އިން ނުފެންނަނީ މުސާރަ ރަނގަޅު ކޮށްދޭށާއި ކޮންޓްރެކްޓަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އޭނާ އެދުމުން އެގޮތް ޝޯ އުފައްދާ ފަރާތުން ގަބޫލު ނުކޮށްގެން ކަމަށެވެ.

އީ ޓައިމްސް އާ ވާޙަކަ ދައްކަމުން ކްރުޝްނާ ބުނީ އޭނާ އެދުނު ގޮތަށް މުސާރައަށް ބަދަލު ގެނެސްދީފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓް ވެސް އޭނާ ބޭނުންވާ ގޮތަށް އިސްލާހުކޮށްދީފައިވާ ކަމަށެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ މިހާރު ކުރިޔަށްދާ ސީޒަން އަންނަ ޖޫން މަހު ނިންމާލަން އުޅޭ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އަދި މިފަހަރުގެ ސީޒަންގައި ކްރުޝްނާ ބައިވެރި ނުވާނެކަމަށް އޭނާ މިދިޔަ ހަފުތާގައި ބުނެފައި ވެއެވެ. ނަމަވެސް އިއްޔެ އޭނާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އަންގާރަ ދުވަހުން ފެށީގެން (މިއަދުން ފެށީގެން) އޭނާ ޝޯގެ ޝޫޓިން ފަށާނެ އެވެ. އަދި ކުރިޔަށް އޮތް ހަފުތާގައި ދައްކަން ހަމަޖެހިފައިވާ ދެ އެޕިސޯޑުން އޭނާ ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ކްރުޝްނާ ބުނެފައި ވެއެވެ.

ކްރުޝްނާ ބުނި ގޮތުގައި ކަޕިލް ޝޯ އާ ދުރުގައި ހުރީ ކަޕިލް އާ އަދި ޝޯގެ އެހެން ބައިވެރިންނާ މައްސަލައެއް ޖެހިގެނެއް ނޫނެވެ. އެ އެންމެންނާ ވެސް އޭނާ އާ އޮތީ ވަރަށް ގާތް ރަނގަޅު ގުޅުމެކެވެ.

"އެންމެ ފުރަތަމަ ކަޕިލް ޝޯގައި ބައިވެރިވާން ފެށިއިރު ކަޕިލް އާ އެހާ ގުޅުން ރަނގަޅެއް ނޫން. ސަބަބަކީ އަހަރެމެން ދެ މީހުންނަކީ ވެސް ކޮމޭޑިއަނުންނަށް ވެފައި ވަރަށް ވާދަވެރި ދެ ޝޯއެއްގައި ދެ މީހުން މަސައްކަތް ކުރަމުން އޭރު ދިޔައިމަ. ނަމަވެސް ކަޕިލްގެ ޝޯގައި ބައިވެރިވާން ފެށުމާއެކު ކަޕިލް އާ ގާތް ގުޅުމެއް އުފެދުނު. އަދި މިހާރު ޝޯގެ ހުރިހާ ބައިވެރިންނާ ވެސް އަހަރެންނާ ވަރަށް ގާތް އެކުވެރިކަމެއް ވަނީ އުފެދިފައި. އެހެންވެ އަހަރެން އެނބުރި އަންނަކަން އެނގުމުން އެންމެން ވެސް ތިބީ ވަރަށް އުފަލުން. އަދި އަހަރެންނަށް ވަރަށް ހޫނު މަރުހަބާއެއް އެމީހުން ކީ،" ކްރުޝްނާ ބުންޏެވެ.

ކްރުޝްނާ ނޫނަސް ޝޯގެ ވަރަށް ގިނަ ބައިވެރިން މިހާރު އެ ޝޯ އާ ވަކިވެފައި ވެއެވެ. އޭގެ ތެރޭގައި ކޮމޭޑިއަން ބާރްތީ ސިންގް އާއި ސުނިލް ގްރޯވަރު އަދި އުޕަސްނާ ސިންގް އާއި އަލީ އަސްގަރް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް މީހުން ޝޯއާ ވަކިވީ ޝޯގައި އެމީހުން ކުޅެންޖެހޭ ރޯލުތަކާ ހިތްހަމަނުޖެހިގެން އުފެދުނު ޚިޔާލު ތަފާތު ވުމުގަ އެވެ.