ބޮލީވުޑް

"ކަޕިލް ޝަރުމާ ޝޯ": މިފަހަރުގެ ސީޒަން މަޖަލެއް ނޫން

ގިނަ ބަޔަކަށް މަގުބޫލް ކޮމެޑީ ޝޯއެއް ކަމަށްވާ "ދަ ކަޕިލް ޝަރުމާ ޝޯ" ދުވަސްކޮޅަކަށް ހުއްޓާލުމަށްފަހު ޝޯގެ މުޅިން އާ ސީޒަނެއް މިދިޔަ ހަފުތާގައި ވަނީ ފަށާފަ އެވެ.

މި ސީޒަންގެ ފުރަތަމަ އެޕިސޯޑު ދެއްކުމާއެކު ޝޯގެ ފޭނުން ވަނީ މިފަހަރުގެ ސީޒަނަކީ ބޭކާރު އެއްޗެއް ކަމަށާއި ކުރީގައި ހުންނަ ހެއްވާ މަޖާ ގޮތްގަނޑު މިފަހަރުގެ ސީޒަނުން ނުފެންނަ ކަމަށް ބުނަން ފަށާފަ އެވެ.

ޚާއްސަކޮށް ކުރީ ސީޒަނުގެ އެންމެ މަޖާ ކޮމޭޑިއަން ކްރުޝްނާ އަބީޝެކް (ސަޕްނާ) މިފަހަރުގެ ސީޒަންގައި ބައިވެރިނުވުމަކީ ޝޯ އަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ފޭނުން ވަނީ ފާހަގަކޮށްފަ އެވެ.

މި ޝޯގެ ފުރަތަމަ ސީޒަންގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ސުނިލް ގްރޯވަރު ޝޯ އިން ވަކިވުމުން ވެސް ފޭނުން އެކަމާ ވަރަށް ދެރަވެގެން އުޅެފައި ވެއެވެ.

މިފަހަރުގެ ސީޒަންގައި ކްރުޝްނާގެ އިތުރުން ޗަންދަން ޕްރަބާކަރް (ޗަންދޫ) ވެސް ބައިވެރިނުވެ އެވެ. އެހެންކަމުން ކުރީގައި އެންމެ މޮޅު ރޯލުތައް އަދާކުރި ކޮމޭޑިއަނުން ނެތުމުގެ އުނިކަން ކަޕިލް އަށް ފޫނުބެއްދޭ ކަމަށް ޝޯގެ ފޭނުން ގަބޫލު ކުރެ އެވެ.

މިފަހަރުގެ ސީޒަންގައި ވަރަށް އާ ގިނަ މޫނުތަކެއް ބައިވެރި ކޮށްފައި ވިޔަސް ސުނިލް އާއި ކްރުޝްނާ އަދި ޗަންދަން ފަދަ ކޮމޭޑިއަނުންގެ ހެއްވާ މަޖާ ޖޯކުތަކާ ގާތްކުރާ ވަރަށް ވެސް މި މީހުންނަށް އެކަން ނުކެރޭވޭ ކަމަށްވެސް ޝޯ ގަވާއިދުން ބަލާ ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

"މިފަހަރުގެ ކަޕިލް ޝަރުމާ ޝޯ ވަރަށް ފޫހި. ހެއްވާ އެއްވެސް ޑައިލޯގެއް މިފަހަރުގެ ކޮމޭޑީއަނުންނަކަށް ނުކިޔޭ. ބޭކާރު ޝޯއެއް. މޮޅު އެއްވެސް އާޓީސްޓެއް މިފަހަރުގެ ސީޒަނަކު ނެތް. ކޮބާ ސުނިލް. ކޮބާ ކްރުޝްނާ. އެމީހުން ގެނޭ،" ކަޕިލް ޓެގްކޮށްފައި ބައެއް މީޙުން ކުރި ކޮމެންޓުތަކުގައި ވެއެވެ.

ފޭނަކު ކުރި ޓުވީޓެއްގައި ކަޕިލް އަށް ވެސް ވަރަށް އެއްޗެތި ކިޔާފައި ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި ކަޕިލްގެ ވެސް ކުރިން ހުރި ކުޅަދާނަކަމެއް އޭނާއަކަށް މިހާރަކު ނުދެއްކެ އެވެ.

"ސްކްރިޕްޓް ބަލައިގެން ކިއުން ހުއްޓާލަބަލަ. ކަޕިލް ދެކެ އަހަރެމެން ލޯބިވަނީ ނެޗުރަލްކޮށް މޮޅު ޖޯކުތައް ޑެލިވާ ކުރާތީ. ސްކްރިޕްޓްގައި އޮންނަ އެއްޗެއް ކިޔަންޏާ ކަމަކު ނުދޭ،" ޓުވިޓާގައި މީހަކު ލިޔެފައި ވެއެވެ.

ކްރުޝްނާ އާއި ސުނިލް ފަދަ ކޮމޭޑިއަނުން ނުލާ "ދަ ކަޕިލް ޝަރުމާ ޝޯ" މިފަހަރު ވާނީ ފްލޮޕް ކަމަށްވެސް ގިނަ ބަޔަކު ވަނީ ލަފާ ކޮށްފަ އެވެ.

ކަޕިލްގެ ކޮމެޑީ ޝޯ އިން ކްރުޝްނާ ވަކިވީ ފައިސާ ދޭލެއް މަދުވެގެން ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. އަދި ކަޕިލް އާއި ކްރުޝްނާ މައްސަލަ ޖެހިފައިވާ ކަމަށްވެސް މި ނޫސްތަކުގައި ވެއެވެ. ނަމަވެސް މި ވާހަކަތައް ކުރުޝްނާ ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ކަޕިލް އާއި އޭނާގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އަދި ދުވަސްކޮޅަކު އޭނާ ނުފެނުނަސް ދުވަސްކޮޅެއް ފަހުން އެނބުރި އެ ޝޯއަށް އަންނާނެ ކަމަށްވެސް ކްރުޝްނާ ބުނެފައި ވެއެވެ.

ނަމަވެސް ސުނިލް އަނބުރާ ކަޕިލްގެ ޝޯ އަށް އަތުވެދާނެ ކަމާ މެދު ޝައްކެވެ. ސަބަބަކީ އޭނާ އެ ޝޯއިން ވަކިވީ ކަޕިލް ދެކެ ވަރަށް ރުޅިއައިސްގެން ކަމަށް ވާތީ އެވެ. ފާއިތުވީ ހައެއްކަ އަހަރު ތެރޭ އޭނާ ޝޯ އަށް އަނބުރާ ގެނެވޭތޯ ގިނަ ބަޔަކު ވަރަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އަދި ސުނިލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

'ކަޕިލް ޝަރުމާ ޝޯ' އަކީ ކޮމެޑީ ޝޯތައް ބަލަން ޝައުގުވެރިވާ ގިނަ ބައެއްގެ ފޭވަރިޓަކަށް ވާއިރު ޝޯ ފީކަޅާވެގެން ބެލުންތެރިން ޝޯ ދެކެ ފޫހިވުމަކީ ކަޕިލް އާއި އޭނާގެ ޓީމުން ބޭނުންވާނެ ގޮތެއް ނޫނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޝޯ ރަނގަޅުކުރަން އެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.