ބޮލީވުޑް

އަންހެން ހެދުން އަޅާތީ އަލީ އަސްގަރްގެ ދަރިންނަށް ބުލީ ކުރޭ

އިންޑިޔާގެ ކޮމެޑީ ޝޯތަކުގެ ފޭނުންނަށް އަލީ އަސްގަރް އަކީ މަގްބޫލު އެކްޓަރެކެވެ. ކޮމެޑީ ބައިތައް ފިޔަވައި އެނޫން ރޯލުތައް ކުޅުމަށް ވެސް އަލީ ކުޅަދާނަ އެވެ. ނަމަވެސް އޭނާ ގިނަ ބަޔަކަށް އެނގެނީ ސޮނީ ޓީވީގެ "ކޮމެޑީ ނައިޓްސް ވިތު ކަޕިލް"ގައި 'ދާދީ' (މާމަ)ގެ ކެރެކްޓާ އިންނެވެ.

މުސްކުޅި އަންހެނެއްގެ މި ކެރެކްޓާ އެތައް އަހަރެއް ވަންދެން އަލީ ކުޅެފައި ވެއެވެ. އަދި ގިނަ ބަޔެއްގެ ތައުރީފު އޭނާއަށް ލިބުނެވެ. އެއާއެކު އޭނާއަށް ބައެއް މީހުންގެ ފަރާތުން މަލާމާތާ ވެސް ކުރިމަތިވެ އެވެ. އަލީގެ އިތުރުން އޭނާގެ ދަރިންނަށް ވެސް ސްކޫލްގެ ދަރިވަރުންނާއި އާއްމުންގެ މަލާމާތާއި ބުލީ ކުރުމާ ކުރިމަތިވަމުން ދެއެވެ.

އަލީ މިހާރު ފެންނަނީ ކަލާޒް ޓީވީގެ ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ"ގެ 10 ވަނަ ސީޒަނުގެ ބައިވެރިއެއްގެ ގޮތުގައި އެ ޝޯ އިންނެވެ. ކަން ދިމާކުރި ގޮތުން މި ޝޯގައި ވެސް އަލީ ފެންނަނީ އަންހެނެއް ގޮތަށް ހެދުން އަޅާފައި ހުއްޓަ އެވެ.

މި ޝޯގެ އެޕިސޯޑެއްގައި ވީޑީއޯ ކޯލްގެ ޒަރިއްޔާއިން އަލީގެ ދެ ދަރިންނާ ވާހަކަ ދެއްކުމުގެ ފުރުސަތު ޝޯގެ ޖަޖުންނަށް ލިބުނެވެ. މި ފުރުސަތުގައި އަލީގެ ފިރިހެން ދަރިފުޅު ނުޔާން އަސްގަރް އާއި އަންހެން ދަރިފުޅު އަދާ އަސްގަރް ބުނި ގޮތުގައި ބައްޕަ ކުޅޭ "މާމަ" ކެރެކްޓާގެ ސަބަބުން ސްކޫލްގައި ކުދިން ބުލީ ކުރާ ވަރުން އެކުދިންނަށް ސްކޫލަށް ދިއުމަށް ވަނީ ދަތިވެފަ އެވެ.

ކުދިން މިހެން ބުނުމާއެކު އަލީ އަށް ދެރަވެގެން ގޮސް ރޮވޭ ތަން ޝޯގައި ފެނެ އެވެ. އޭނާގެ ކެރިއަރުގެ ސަބަބުން ދަރިންނަށް އެތަކެއް ތަކުލީފު އުފުލަން ޖެހޭކަން އެނގުމުންނެވެ.

އަލީގެ އަންހެން ދަރިފުޅު ބުނި ގޮތުގައި އެހެން މީހުން ހެއްވާލުމަކީ ކޮންމެ ކޮންމެ މީހެއްގެ ކިބައިގައި ހުންނަ ހުނަރެއް ނޫނެވެ. ވީމާ މުޅި ދުނިޔެ ހެއްވާލުމުގައި އޭނާގެ ބައްޕަ ހޯދާ ކާމިޔާބީއާ މެދު އޭނާ ފަޚުރުވެރި އެވެ.

"ޖަލަކް ދިކް ލާޖާ 10"ގެ ޕްރޮމޯ އެއްގައި މި ވީޑީއޯ ދެއްކުމުން ވަރަށް ގިނަ މީހުން ވަނީ އަލީއަށް ހަމްދަރުދީ ފާޅުކޮށް ތައުރީފުކޮށްފަ އެވެ. އަދި ޝޯގެ އެއް ޖަޖް ކަމަށްވާ މާދުރީ ޑިކްޝިޓް ވެސް ވަނީ އަލީ އާ މެދު ފަޚުރުވެރިވާ ކަމަށް ބުނެފަ އެވެ.
"ކޮމެޑީ ނައިޓްސް ވިތު ކަޕިލް" އާއި "ދަ ކަޕިލް ޝަރުމާ ޝޯ" އަދި "ކޮމެޑީ ސާކަސް"ގައި ވެސް އަލީ ކުޅެފައިވަނީ އަންހެނެއްގެ ކެރެކްޓާ އެވެ.

އަލީ އާއެކު "ޖަލަކް ދިކް ލާޖާ"ގެ މިފަހަރުގެ ސީޒަނުގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި ބަތަލާ ނީތީ ޓޭލާ، ރުބީނާ ދިލައިކް، ނިއާ ޝަރުމާ، އަމްރުތާ ކަންވިލްކަރް ހިމެނެ އެވެ. ފައިސަލް ޝޭޚް، ޕަރަސް ކަލްނާވަތު، ދީރަޖް ދޫޕަރް، މަރާޓީ ތަރި ގަޝްމީރު މަހާޖާނީ، ޝެފް ޒޯރާވަރް ކާލްރާ އަދި ޑާންސް ދީވާނޭ 3 ގެ ފައިނަލިސްޓެއް ކަމަށްވާ ގުންޖަން ސިންހާ ވެސް މިފަހަރުގެ ޝޯގައި ބައިވެރިވެ އެވެ.