ޖޭއެސްސީ

ސިހުރެއް ބާތިލްކުރަން އުޅެގެން ގާޒީއަކަށް ފިޔަވަޅު އަޅައިފި

Jun 10, 2021

ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރެއަށް ވަދެ ހުއްދަ ނަގައިގެން ނޫނީ ކޮށްގެން ނުވާނެ ފަދަ ކަމެއް ކުރިކަން ސާބިތުވެ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ލަތީފަށް ފިޔަވަޅު އަޅައިފި އެވެ.

ލަތީފްއާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު މައްސަލަ ބެލުމަށްފަހު ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ ގޯތި ތެރެއަށް ލަތީފް ވަދެފައިވަނީ ހުއްދަ ނެތި ކަމަށެވެ. އަދި ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނެ ފަދަ ކަމެއް ކޮށްފައިވާ ކަން ސާބިތުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަތީފް ވަނީ އޭދަފުށި މެޖިސްޓްރޭޓު ކޯޓުގެ ގޯތިތެރެއަށް ފެން އަޅާފަ އެވެ. އެކަން ކުރީ އޭނާގެ މައްޗަށް ބަޔަކު ހަދާފައިވާ ސިހުރެއް ބާތިލްކުރުމަށް ކަމަށް މައުލޫމާތު ލިބެ އެވެ.

ކުރިން އޭދަފުށި މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވާފައިވާ ލަތީފްއާ ދެކޮޅަށް ހުށަހެޅުނު މައްސަލަ ސާބިތުވާތީ ޖޭއެސްސީން ވަނީ އޭނާއާ ދެކޮޅަށް ދެ ފިޔަވަޅެއް އެޅުމަށް ނިންމާފަ އެވެ. އެއީ ނަސޭހަތް ދިނުމަށާއި، ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.

ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ފަހު ފިޔަވަޅު އަޅަމުންދާ ގޮތުން ބައެއް މީހުންގެ ފާޑުކިޔުން މި ފަހުން ވަރަށް ބޮޑަށް ކޮމިޝަނަށް އަމާޒުވެފައިވެ އެވެ.