މުހައްމަދު އަސްލަމް

ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން ނުނިމި ލަސްވާތީ އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމަށް ނިންމައިފި އެވެ.

މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އިންނަވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް އެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

"[މިކަމުން] ދޭހަވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު،" އަސްލަމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ މިއަދުގެ ވަގުތެއްގައި ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ ޖޭއެސްސީ އިން ބަލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް ޔާމީނަކީ ކުރީގެ ރައީސެއް ކަމަށްވާތީ އެފަދަ ބޭފުޅަކަށް ދޭންޖެހޭ އިހްތިރާމާއި އިއްޒަތް ދޭން ވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ލިބުން ލަސްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ. އެ ދުވަހު މައްސަލައިގެ ފަހު ބަސް އިއްވާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ހައިކޯޓުގައި މައްސަލަ ވަރަށް ބޮޑަށް ލަސްވެފައިވީ ނަމަވެސް މައްސަލަ ލަސްވި ކަމަށް ނުދެކޭ ކަމަށް ހައިކޯޓުން މީގެކުރިން ބުނެފައިވެ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުމުން ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.

ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދަކަށްވީ ނަމަވެސް މުއިއްޒުގެ ވެރިކަމަށް ފަސް މަސް ވެގެން ދިޔައިރުވެސް ރައީސް ޔާމީން މިނިވަންކުރެވިފައެއް ނުވެ އެވެ. ރައީސް ޔާމީން މިނިވަންކުރުން ލަސްވުމުން ރައީސް ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ގޯސްވެ އެ ގުޅުން މިހާރު ވަނީ ކެނޑިފަ އެވެ. އަދި ރައީސް ޔާމީން މިހާރު ވަނީ ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ފަހު މަރުހަލާއަށް ހުރިހާ ކަމެއް ގެންގޮސްފަ އެވެ. އެގޮތުން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށްފަހު ރަޖިސްޓްރީ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.