ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީއާ ގުޅިގެން މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ބާނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ހާއްސަ މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނައިރު ޖަލު ބަންދެއްގައި ނެތް ނަމަ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
މިޕްރޮގްރާމު ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އައުމަކީ "ވާނެ ކަމެއް ނޫން" ކަމަށެވެ.
"އެ ވާގޮތަކީ އަޅުގަނޑުމެންގެ އައިޑިއޮލޮޖީއާއި އެމްޑީޕީގެ އައިޑިއޮލޮޖީއާ ތަފާތު. ވަރަށް ތަފާތު އެނގޭތޯޯ. ދެން އަޅުގަނޑަށް މިކުރި ހުރިހާ ޖެއްސުމަކާ ހުރިހާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ދެއްތޯ؟. އެހެންވީމާ ކިއްކުރަންތޯ އަޅުގަނޑު އެމީހުންނާ އެކު ކުރިއަށް ދާންވީ،" އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީން ޖަލަށްލައި ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދިޔަ ހާދިސާތަކަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީއާ އެކު ސިޔާސީ ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި ނަމަވެސް އެމްޑީޕީއާ އެކު އެއްބަސްވުމެއް ހަދައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެރަދީ މިސަރުކާރު ވައްޓާލުމުގެ ހިޔާލެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމްޑީޕީންވެސް ރަނގަޅު ބައެއް ކަންކަން ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް އެ ޕާޓީއާ އެކު އެއްބަސްވުމަކަށް ނުދެވޭނެ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އިތުބާރެއް ނުކުރެވޭ އެމީހުންނަކަށް، އެމްޑީޕީއަކަށް. އަނެއްކާ އަޅުގަނޑެއް އިތުބާރެއް ނެސަސަރިލީ އެމްޑީޕީ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ވެލްބީންގަށް ކަމަކަށްވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެ މިއަދު އޮތް އިގްތިސާދީ ހާލަތަށް ދިޔައީވެސް އަދި ރާއްޖެ، އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް މިހާ ބޮޑަށް ދިޔައީވެސް ސީދާ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށެވެ. އެހެންވެ މިކަންކަމުގެ ޒިންމާ ސީދާ އެމްޑީޕީން ނަގަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.