ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެންސްޕާ އިން އޮފީސް އިމާރާތެއް ހޯދުމަށް ޓެންޑަ ބޯޑު މެދުވެރިކޮށް ހުޅުވާލި ފުރުސަތުގައި މޯލްޑިވްސް މީޑިއާ ހައުސް އިން އިން އެކަނި ކުރި ބިޑެއް އެވޯޑްކޮށް އެންސްޕާ އިން އެ ކުންފުންޏަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ ވަރަށް ހޫނުވެފައި އޮތް މައްސަލައިގައި ވާހަަކަދައްކަވަމުންނެވެ.
މޯލްޑިވްސް މީޑިއާ ހައުސް އަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ހަބަރުތަކާއި އިވެންޓްތައް ގެނެސްދިނުމަށް އަދި އެމަނިކުފާނު ޕްރޮމޯޓް ކުރުމަށް ހަދާފައިވާ ކުންފުންޏެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި މިމައްސަލައިގައި ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ ހައުސްއާއި އެންސްޕާއާ ދެމެދު ކުރެވިފައިވާ މުއާމަލާތްތަކަކީ ސީދާ މަނީ ލޯންޑާކުރުމުގެ މުއާމަލާތެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ޝާމިލްވާ އެންމެން މަގާމުތަކުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"މިއޮތީ މަނީލޯންޑާ ކޮށްފައި އެނގޭތޯ. މިހާ ހިސާބުން މުއިއްޒު ވިދާޅުވެދެއްވަން ޖެހޭ ރައްޔިތުން ކައިރީ މޯލްޑިވްސް މީޑިއާ ހައުސްއަކީ ތިމަންނާގެ ތަނެއް ނޫނޭ އެނގޭތޯ. އެހެން ނުވާ ކަމަށްވާނަމަ މުޅި ރައްޔިތުން ގަބޫލު ކުރަނީ މިއީ މުއިއްޒުގެ ޓީވީ ކަމަށް. ހީނާ އެބަޖެހޭ މަގާމުން ދުރަށް ދާން. ހީނާއަށް އެބަޖެހޭ މަނީ ލޯންޑަރިންގެ ދައުވާ އުފުލެން،" ރައީސް ޔާމީން ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ ހައުސް އިން އެންސްޕާ އަށް އޮފީސް އިމާރާތެއް ދިނުމަށް އެއްބަސްވުމެއް ހެދުމަށްފަހު އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން އެންސްޕާ އިން މިހާރު ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެއްބަސްވި ބާތިލްކުރި މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ މައްސަލަ ހޫނުވުމުން އެއްބަސްވުން ބާތިލްކުރި ކަމަށް ބުނެ ބަޔާން ނެރުނު ނަމަވެސް އެކަމުގައި ގޯސްތަކެއް ހިނގާފައިވާތީ އެކަން ރަނގަޅު ކަމަކަށް ނުހެދޭނެ ކަމަށެވެ.
މޯލްޑިވްސް މީޑިއާ ހައުސް އާއި އެންސްޕާއާ ދެމެދު ހެދި އެއްބަސްވުމާ ގުޅޭ މައްސަލައިގައި އިދިކޮޅު އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮންނަ ޕީއެންސީ އިން ވަނީ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
މިކަމާ ގުޅީގެން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ނުދިނުމުން އިތުރު ސުވާލު އުފެދޭ ކަމަށެވެ. މަޖިލީހުގައި ދައްކާ ހުރިހާ ވާހަކަތަކަކީ ކަމެއް ސާބިތުވެގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ ހައުސް އިން އެންސްޕާއަށް ކުއްޔަށް ދޭން އެއްބަސްވުމެއް ހެދީ އެ ކުންފުނިން މއ. ސީރާޒީގެއިން ކުއްޔަށް ނަގާފައި ހުރި ފަންގިފިލާތަކެއްގެ ތެރެއިން ދެ ފަންގިފިލާ ކުއްޔަށް ދިނުމަށެވެ. މޯލްޑިވްސް މީޑިއާ ހައުސް އިން އެންސްޕާއަށް އޮފީސް އިމާރާތެއް ހިންގަން ތަނެއް ކުއްޔަށް ދީފައިވަނީ މަހަކަށް 580،000 ރުފިޔާ އަށެވެ. އެއީ ފަސް އަހަރަށް ނަމަ 34.8 މިލިއަން ރުފިޔާ އެވެ.