ބަޔަކު ކިތަންމެ ބޭނުންވި ނަމަވެސް ސިޔާސީ މައިދާނުން އެމަނިކުފާނު އެކަހެރި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ބަޔަކު ކިތަންމެ ބޭނުންވީ ނަމަވެސް ސިޔާސީ މައިދާނުން އެމަނިކުފާނު އެކަހެރި ނުކުރެވޭނެ ކަމަށެވެ.
ޔާމީން މިފަދަ ގޮތަކަށް ވާހަކަދައްކަވާފައި މިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ޔާމީނަށް އަމާޒުކުރައްވާ ދެއްކެވި ވާހަކަތަކަކަށް ރައްދުދެއްވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެން ސިޔާސީ މައިދާނުގައި ކުރިއަށް ނުދެވޭނެ ކަމަށް ކޮންމެ ބޭފުޅަކު ކިތަންމެ ހަރުއަޑުން ވިދާޅުވި ނަމަވެސް އެމަނިކުފާނު ސިޔާސީ މައިދާނުގައި ކުރިއަށް ދާނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މައިދާނުގައި ސާބިތުވެ ހުންނާނަން،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއަށް މިސަރުކާރުން އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެ ރައީސް ޔާމިން ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވާ މިސަރުކާރުގެ އިސްވެރީންނަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނަށް ފާޑު ވިދާޅުވާ ބޭފުޅުންނަކީ އިންތިހާބަކަށް އެކަނި ނިކުންނަވައިފިނަމަ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅުން ނޫންކަން ނަތީޖާއިން އެނގޭނެ ކަމަށެވެ. އަދި އެއިން ބޭފުޅަކު ސަރުކާރުން ނިކުންނަވާ ސިޔާސީ ޕާޓީއެއް ހައްދަވަން ދިމާކުރައްވައިފިނަމަ ހާހެއްހާ މީހުންގެ ތާއީދުވެސް ނުލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވި ޔާމީން މިހާރު އެ ހުންނެވީ ސިޔާސީ މައިދާނުގައި އެކަހެރި ކުރެވިފައި ކަމަށެވެ. ރައީސް ޔާމީނަށް އަމާޒުކުރައްވާ ފައިސަލް މިފަދަ ގޮތަކަށް ވާހަކަދެއްކެވީ ޔާމީނާއި އަދި ޕީއެންއެފްގެ އިސް ބައެއް ބޭފުޅުން ފައިސަލާ އަދި އޭނާގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲއަށް އަމާޒު ކުރައްވާ ތަކުރާރުކޮށް ވާހަކަދައްކަވާތީ އެވެ.