ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވި ނަމަވެސް އޭނާއަށް އެއްވެސް ހަމްދަރުދީއެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ޕާޓީ -- ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމަކަށްވެސް އަޖަލު ހަމަވާނެ ކަމަށާއި ފައިސަލަށް ވެސް ދިމާވީ އެކަން ކަމަށެވެ. ފައިސަލާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު ޖެހިފައިވަނީ "ބައި އެޅުމުގެ މައްސަލައެއް" ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ޔާމީން ނުދެއްވަ އެވެ.
"ފައިސަލް ވަކިވުމަކުން އަބްދުއްރަހީމް ގޭގައި އިނުމަކުން އަޅުގަނޑުގެ ހަމްދަރުދީއެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
މިސަރުކާރުގައި އެންމެ ބާރުގަދަ ކަމަށް ބުނި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ރައީސް މުއިއްޒުވެސް އަދި ރައީސް އޮފީހުންވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފައިސަލް މަގާމުން ވަކިކުރެއްވި ފަހުން އޭނާ ނެރުއްވި ބަޔާނުގައިވެސް މަގާމުން ވަކިކުރެއްވުމަށް ދިމާވި ސަބަބުތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ފަޒުލް ރަޝީދު ހުންނެވި ދުވަސްވަރު އެތަނުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފަ އެވެ. ޔާމީން ވިދާޅުވީ އެ މައްސަލަތަކުގެ ތަހުގީގު ވަކި ހިސާބަކުން ކުރިއަށް ނުދާނެ ކަމަށެވެ. އެއީ ފަޒުލް ދިފާއުގައި ދައްކަވާ ވާހަކަތަކާ ގުޅިގެން ކަންތައްތަކެއް ފެންމަތިވާނެތީ ކަމަށް ދޭހަވާ ގޮތަށް ޔާމީން ވާހަކަދެއްކެވި އެވެ.