ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް ސާފުކޮށްދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ޕޯޑިއަމްގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ދެ ބޭފުޅުންގެ ކޯޅުމެއް ހިނގީ ރޭ ދާދި އެއްވަގުތެއްގައި ޔާމީންގެ ޕީއެންއެގފް ޖަލްސާއާއި ވެރިކަން ކުރާ ޕީއެންސީގެ ޖަލްސާގައި ހިނގި ވަގުތު ޕޯޑިއަމްގައި ލައިވް ޓީވީ ގައެވެ.
ޕީއެންސީގެ ރޭގެ ޖަލްސާގައި ފައިސަލް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ނަން ވިދާޅު ނުވެ ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށް ހެދިގެން އުޅުއްވަނީ އެންމެ ލީޑަރެއް ކަމަށެވެ. އެގޮތަށް ޔާމީނަށް ހީވުމަކީ ކުށްހީއެއް ކަމަށާއި އަދި އެއީ މިއަދުގެ ޒުވާނުން ޖޯކު ޖަހާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ފިނި ކޮޓަރިއެއްގައި އިންނަވައިގެން ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގްތިސާދު ނޭނގޭނެ ކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ގޯސް ކަމަށާއި މި ހާލަތު ރަނގަޅު ކުރަން މިސަރުކާރުން ސީރިއަސްކޮށް ފިޔަވަޅު ތަކެއް ނާޅައިފިނަމަ ގައުމުގެ ބަނގުރޫޓް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށްވެސް ފައިސަލް ރައްދު ދެއްވި އެވެ. ފައިސަލް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތް އެނގޭ ކަމަށާއި ދިވެހިރާއްޖެ ބަނގުރޫޓް ނުވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ފޮޓޯ ދައްކަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާތީ ފައިސަލް ވިދާޅުވީ ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފޮޓޯ ދައްކަވައިގެން ކަމަށެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އިން ސުޕަ މެޖޯރިޓީ ހޯދީ ޔާމީންގެ ފޮޓޯ ދައްކައިގެން ނޫން ކަމަށާއި އެހެންކަމުން މިސަރުކާރަށް އޮތް ތާއީދު އެ އިންތިހާބުން ފެނިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ތުހުމަތު ކުރެއްވި ގޮތުގައި ޔާމީން ކުރެއްވީ އަނިޔާވެރި އަދި ރައްޔިތުންނަށް ބިރު ދައްކައިގެން ކުރެއްވި ވެރިކަމެކެވެ. އެ ވެރިކަމުގެ ތެރޭގައި ޖަލަށް ނުލައި ސިޔާސީ ލީޑަރަކު ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ ޔާމީނަކީ އަނިޔާވެރި ވެރިއެއް ގޮތަށް ސިފަކުރެއްވި އެވެ.
ފައިސަލްއަށް ރައްދުދެއްވަމުން ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަދައްކަވަނީ މީރާއާއި އެމްއެމްއޭ އިން އާންމުކުރާ ތަފާސްހިސާބަށް ބަލައިގެން ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް އޮޅުވާލުމަށް އެމަނިކުފާނު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ފައިސަލްގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިސާބު ޖައްސަވާ ގޮތަށް އެމަނިކުފާނު ހިސާބު ނުޖައްސަވާ ކަމަށެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބަދަލުގައި ހިސާބު އަކުރުތަކުން އެމަނިކުފާނަށް ރައްދު ދެއްވުމަށް ރައީސް ޔާމީން ވަނީ ފައިސަލްއަށް ދަންނަވާފަ އެވެ.
"ރައްދު ދެންޏާ ހިސާބުން ހިސާބުގައި ތަޅާ. ފެކްޓާއެކު ވާހަކަ ދައްކަވާ،" ފައިސަލްއަށް އަމާޒުކުރައްވާ ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ބުނެ ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން އަދި ފެންނަނީ
ހަމައެކަނި ނިކަމެތި ރައްޔިތުން ހިތި ބޭސް ބޯން ޖެހޭ މަންޒަރު ކަމަށެވެ. އެހެންވެ އެކަމާ ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.