ރައީސް އަބްދުﷲ ޔާމީން

އަބްދުއްރަހީމަކީ އިހްލާސްތެރި ބޭފުޅެއް ނޫން: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތުގައި އިހްލާސްތެރިކަމާއެކު ހުންނެވި ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުވެސް އަބްދުއްރަހީމް މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަން ހޯދައިދިނުމަށް ކަމަށެވެ.

"އަބްދުއްރަހީމް 2013ގައި ހުރީ ރައީސް ޔާމީން ހޮވޭތޯއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ޕީޕީއެމްގެ މަސައްކަތުގައި އުޅުއްވީ އިންތިހާބުން ގާސިމް "ކެޓީމާ" ކަމަށެވެ. އަބްދުއްރަހީމް މިހާރު ހުންނެވި މަގާމަށް ވަޑައިގަތީވެސް ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް އަށް ހީވެފައި އޮންނަ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރަށް ރައްދު ދެއްވަމުން ޔާމީން ވަނީ ފައިސަލް އަކީ ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާފަ އެވެ.

ޔާމީން އިތުރަށް ވިދާޅުވީ ގާސިމަށް ވެރިކަމަށް ވަޑައިގެންނެވޭ ގޮތް ނުވުމުން ޕީޕީއެމްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅުމަށްފަހު ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ނައިބް ރައީސްގެ މަގާމު ވާދަކުރައްވައި އެ މަގާމު ލިބިވަޑައިނުގަތުމުން އަބްދުއްރަހީމް މެލޭޝިއާއަށް ވަޑައިގެން ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި ކަމަށެވެ.

"މެލޭޝިއާއިން އަނބުރާ ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އެދުމަކަށް،" އަބްދުއްރަހީމް މާލެ ވަޑައިގަތީ ޔާމީން އެދިވަޑައިގަތުމުން ކަމަށް އަބްދުއްރަހީމް ކުރިން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވި އެވެ.

އަބްދުއްރަހީމް ދާދި ފަހުން ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރައީސް ޔާމީން އިންނެވި "ފިނިފެންމާ" ލޯންޗު ގޮއްވާލުން އެއީ ޔާމީން ކުރެއްވި ކަމެއް ކަމަށް މިހާރު ހީވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެކަމަށް ޔާމީން ދެއްވި ރައްދުގައި ވިދާޅުވީ އެއީ އިންސާނިއްޔަތުކަމާއި އިހްލާސްތެރިކަން ނެތީމާ ދައްކަވާ ވާހަކަ ކަމަށެވެ.