ޕޮލިޓިކްސް

މަޖިލީހުގެ ރައީސްކަމުންނާއި ޖޭއެސްސީން ނަޝީދު ދުރުކުރަން ޖެހޭ: އަލްހާން

May 23, 2020
8

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުތައް ހުންނެވީ އެ ކޮމިޝަނުން ދުރު ކުރަންޖެހޭ ހިސާބުގައި ކަމަށް ކުރިން އެމަނިކުފާނާ ވަރަށް އަރިސްކޮށް އުޅުއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ އިންސާފު ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ. މިއީ ރައީސް ޔާމީނަށް އެކަނި ހުކުމް ކޮށްފައި އޮތުމުން ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި ފުރަތަމަ ފަހަރެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ނަޝީދު ވަނީ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރާނެ ވާހަކަ ދައްކަވައި ލިއުން ޝާއިއު ކުރައްވައިފަ އެވެ. އެހެންކަމުން ނަޝީދުގެ އިތުބާރު ނެތް ކަމަށް ނަގައި މަގާމުން ދުރު ކުރަން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުމުގެ އިންސާފެއް ނުވިސްނޭ ކަމަށް ނަޝީދު ވިދާޅުވިއިރު، އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ވަނީ، ނަޝީދު އިންނަވާ ޖޭއެސްސީން ސަސްޕެންޑްކޮށްފަ އެވެ.

ހައިލަމް ސަސްޕެންޑް ކުރީ މައްސަލައިގެ ހުކުމާ ހިސާބަށް ގޮސްފައި ވަނިކޮށެވެ. ދެން މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. މައްސަލަ އަލުން ފެށުމުގެ ބަދަލުގައި ކުރިން މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދަން ބެންޗުން ނިންމައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

ޖޭއެސްސީގައި ނަޝީދު އިންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވަން ޖެހެ އެވެ. ޖޭއެސްސީގެ މެންބަރުކަމުން ނަޝީދު ދުރުކުރެވޭނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކޮށްގެންނެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުން ނަގައިގެންނެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރަކާއި ބަންޑާރަ ނައިބު އާއި ރައީސް ކަނޑައަޅުއްވާ ބޭފުޅަކު އިންނަވާތީ އެ ކޮމިޝަންގައި ސިޔާސީ ނުފޫޒު އޮންނަ ކަމަށް އަބަދުވެސް ދެކެވެ އެވެ. އެމްޑީޕީއަށް ވެސް މަޖިލީހުގެ މެޖޯރިޓީ ލިބުމުން އެ އެކުލެވުން ބަދަލުނުކޮށް ކުރިއަށްދާތީ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.