ޕޮލިޓިކްސް

ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގެ އިންސާފެއް ނުވިސްނޭ: ނަޝީދު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ މާ ބޮޑު އިންސާފެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ވަޓްސްއެޕްގައި "ރަށްވެހި ފަތިސް ލަންކާ" ގެ ނަމުގައި ހަދާފައި އޮންނަ ވަރަށް ހަރަކާތްތެރި ގްރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ. އެ މެސެޖް ވަނީ އަވަސް އަށް ލިބި އެކަން ކަށަވަރު ކުރެވިފަ އެވެ.

އެމަނިކުފާނު ދިވެހިން ލިޔުއްވާފައިވާ އެ މެސެޖުގައި ވިދާޅުވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

އެ މެސެޖްގައި ދެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

"މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ވަޓްސްއެޕްގައި ރައީސް ނަޝީދު ބޭނުންފުޅު ކުރައްވާ ނަމްބަރުން މި މެޖް ފޮނުއްވެވީ އެ ގުރޫޕްގައި އިންނަވާ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު މުސްތޮފާގެ މެސަޖަކާ ގުޅުވާލައިގެނެވެ. އަދި ރައީސް ނަޝީދު އެ މެސެޖް ހިއްސާ ކުރެއްވުމާއެކު އެއަށް ތާއީދު ކުރައްވާ "މާ ބޮޑަށް ލަސްވެއްޖެ" ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި އެ މަނިކުފާނުގެ ޕްރެސް ސެކްރެޓެރީކަން ކުރެއްވެވި ކުރީގެ ނޫސްވެރިޔާ މުހައްމަދު ޒުހައިރު ވިދާޅުވެ އެވެ. އޭގެފަހަށް އެ މެސަޖަށް އެހެން ފަރާތްތަކުން ވެސް ތާއީދުކޮށް ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ.

މި މެސެޖް ރައީސް ނަޝީދުގެ ފަރާތުން އައިރު އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ އިދިކޮޅު ބައެއް މެންބަރުން ކުރައްވާފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ވަނީ ރޭ ރީޓްވީޓް ކުރައްވައިފި އެވެ.

ރައީސް ނަޝީދު ރީޓްވީޓް ކުރައްވާފައި ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރައްވާފައިވާ ޓްވީޓަކާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރައްވާފައިވާ ޓްވީޓެކެވެ. އެ ދެ ޓްވީޓަކީ ވެސް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތައުރީފު ކޮށްފައިވާ ޓްވީޓްތަކެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީނަކީ މިހާރު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ވާދަވެރި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވައި ހައްދަވަ އެވެ.

ރައީސް ޔާމީން، ވެރިކަމަށް ވަޑައިގެންނެވީ، ރައީސް ނަޝީދު އިންތިހާބުގައި ބަލި ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމާފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ކޯލިޝަނަކުންނެވެ. އަދި، ރައީސް ޔާމީނަށް މި ސަރުކާރުގައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.