މުހައްމަދު އަސްލަމް

އިންޑިއާ އައުޓް ބިލް މަޖިލީހަށް ހުށަހަޅަން އަލުން މަޝްވަރާކުރަނީ

Mar 15, 2022
1

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހެދުމުގެ ނަމުގައި އެކަމަކު އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ޑްރާފްޓް ކޮށްފައިވާ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އަލުން މަޝްވަރާ ކުރައްވަން ފައްޓަވައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުންނަވައިގެން މިދިޔަ ޖެނުއަރީ މަހު ޑްރާފްޓްކޮށްފައިވާ ބިލްގެ ނަމަކަށް މިވަގުތު ޖަހާފައިވަނީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.

މިބިލް މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި މަޝްވަރާ ކުރެވުނެވެ. ނަމަވެސް އެ ބިލާ މެދު ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ހިތްހަމަޖެހިވަޑައި ނުގަންވާތީ މިދިޔަ ދުވަސްތަކުގައި ބިލް އޮތީ ބާއްވާފަ އެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އާ ލީޑަޝިޕް އަލުން އިންތިހާބު ކުރުމަށްފަހު އެ ބިލް އަލުން މަޖިލީހަށް ހުށަހެޅުމާ މެދު ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން މަޝްވަރާ ކުރައްވަމުން ގެންދަވާ އާ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އަސްލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް ކޮންމެހެން ގާނޫނެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ޑްރާފްޓްކޮށްފައިވާ ބިލެއް އޮތުމުން އެ ބިލާ މެދު މިވަގުތު ހިޔާލުތަފާތުވާ މެންބަރުންނާއި ސަރުކާރާ ވާހަކަދައްކައިގެން ގިނަ ބަޔަކަށް އެއްބަސްވެވޭ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާ ކުރައްވާ ކަމަށެވެ.

ރައީސް ޔާމީން އިންޑިއާ އައުޓް ކެމްޕޭން ހިންގަވަނީ އެމަނިކުފާނު ޒާތީކޮށް އިންޑިއާ ޖައްސާލައްވައިގެން ކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ވަކި ގައުމަކާ ދެކޮޅަށް އެގޮތަށް ކަންކަން ކުރުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށެވެ.

"އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލަންޖެހޭ. ވަކި ގައުމަކާ ދެކޮޅަށް އެގޮތަށް ކަންކަން ކުރުމަކީ ހަރުދަނާ މީހުން ކުރާ ކަމެއް ނޫން. އަދި މިއީ ގައުމީ މައްސަލައަކަށް ވުރެ ރައީސް ޔަމީންގެ އަމިއްލަ އިންޓަރެސްޓްގައި ކުރައްވާ ކަމެއް،" އިންޑިއާ އައުޓްގެ މައްސަލައެއް ބަލަމުންދާ 241 ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެ އެވެ.

ބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އައުޓް ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެހެންވެ އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ކޮންމެ ދެ ހަފްތާއެއް ކަހަލަ ގޮތަކަށް އަތޮޅު ތެރޭގެ ކޮންމެވެސް ރަށެއްގައި ދަނީ އިންޑިއާ އައުޓް ހަރަކާތް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި އިސްކޮށް ހުންނަވަނީ ވެސް ރައީސް ޔާމީން އެވެ.