ރާއްޖޭގެ ސާފު ހިމުން، ހުދު ދޮންވެލި ފިނޮޅެއްގައި ފައި ބީއްސާލަން ލިބުމަކީ މީހަކަށް ލިބޭނެ ވަރަށް ބޮޑު ނިއުމަތެއް އަދި އުފަލެކެވެ. ދިވެހިންނަށް މިއީ ލިބިފައިވާ ބޮޑުވެގެންވާ ނިއުމަތެކެވެ. ރާއްޖޭން ބޭރަށް ރާއްޖެ އިޝްތިހާރު ކޮށްލަން މިއިން ފިނޮޅެއްގެ އެންމެ ފޮޓޯއެއް އެކަނި ވެސް ފުދެއެވެ.
ބ. އޭދަފުއްޓަށް އުފަން އާދަމް ހަލީމް ރަށުގައި އުޅެނީ އާއިލީ ވިޔަފާރީގަ އެވެ. އެކަމަކު ހުސް ވަގުތަކުގައި އޭނާ ކުރާ ކަމަކީ ހަތަރު ރަހުމަތްތެރިޔަކާއެކު، އޭނާގެ ކެމެެރާއިން ހިތްގައިމު ފޮޓޯއެއް ނެގޭތޯ ބަލަނީ އެވެ. އެހެން އުޅޭ އިރު ނަގާ ރާއްޖޭގެ ރީތިކަން ފެންނަ ހިތްގައިމު އެތައް ފޮޓޯއެއް އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކަށް އޭނާ ދޫކޮށްލަ އެވެ. އެ ފޮޓޯތައް ދައުރު ވާއިރު ވަރަށް ގިނަ ބަޔަކު އޭނާގެ އެ ފޮޓޯތަކުގެ ޖާދޫގައި ޖެހެ އެވެ.
އިންސްޓަގްރާމްގައި އެކަނި ވެސް އެޑަމްގެ އެއްލައްކަ ފޮލޮވާސް އަށް ވުރެ ގިނައިން ތިބެ އެވެ.
އެޑަމްގެ ފޮޓޯ ކަލެކްޝަނުގެ ތެރެއިން ވަރަށް ގިނަ ފޮޓޯތަކަށް ދުނިޔޭގެ ސަމާލުކަން ލިބެ އެވެ. މިފަހަރު ދުނިޔޭގެ ކަޅި މި ހުއްޓުނީ ބ. އަތޮޅު އޮންނަ އަނގަފަރު ފިނޮޅުގެ ކުޑަ ވީޑިއޯ ކޮޅަކަށެވެ.
ޔޫޓިއުބްގައި މި ވީޑިއޯކޮޅު ބަލާފައިވާ މީހުން 3.5 މިލިއަން ވިއުސް އަށް ވުރެ މައްޗެވެ. ވަރަށް ކުޑަ ސިކުންތުކޮޅެއްގެ މި ވީޑިއޯކޮޅުގައި ރާޅު ޖަހާ އަޑާއެކު އިތުރު ހިތްގައިމު ކަމެއް ގެނެސްދެ އެވެ. އޭނާ ބުނާ ގޮތުން އެ ވީޑިއޯކޮޅު އޭނާ ނަގާފައި ވަނީ މިދިއަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
"އެއީ މި ދިޔަ ފެބްރުއަރީ މަހު އެ ފިނޮޅަށް ގޮސް ނެގި ވީޑިއޯ ކޮޅެއް. ދުސިތް ތާނީގައި އުޅޭ ރައްޓެއްސަަކު ބުނީ އެދުވަސް ވަރު ވަރަށް ރީއްޗޭ ފިނޮޅު އޮންނަ ގޮތް. އެހެން އޭނާ ބުނެގެން ރައްޓެހިންނާއެކު ޑްރޯން ހިފައިގެން ގޮސް ނެގި ވީޑިއޯ ކޮޅެއް އެއީ، އަނެއްހެން ހާއްސަ ކަމެއް އަޅުގަނޑު ދީގެނެއް ނޫން އެ ނެގެނީއަކީ" އޭނާ ބުންޏެވެ.
ބ. އަތޮޅުގެ ހިތްގައިމު އެ ފިނޮޅު ވަނީ ދުނިޔޭގެ ބޮޑެތި މެގަޒިންތަކުގެ ސަމާލުކަން ވެސް ހޯދާފަ އެވެ. ފޯބްސް ޓްރެވެލް އަދި "ޓްރެވެލް އެންޑް ލެޒާ އޭޝިއާ" ފަދަ މަޖައްލާތަކުގެ ސޯޝަލް މީޑިއާގައި ވެސް އެޑަމްގެ އެ މަސައްކަތް ހިމެނުމަކީ އޭނާއަށް ލިބުނު ފަހުރަކާއި ރީއްޗެކެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އާއްމު މީހެއްގެ، އިންފުލެއެންސާގެ ވީޑިއޯ މިހާ ގިނަ ވިއުސް ލިބިފައިވާ އިރު އެޑަމް ހުރީ މި ޝަރަފާއެކު ވަރަށް ބޮޑަށް އުފަލުންނެވެ.
"ބ. އަަތޮޅު އަދި ރ. އަތޮޅުގައި ނޯންނާނެ އަޅުގަނޑު ނުދާ ފިނޮޅެއް. އަަބަދު ވެސް ބަލަނީ ރާއްޖޭގެ ރީތިކަން، ހިތްގައިމުކަން ދައްކާދޭ ރީތީ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައްކާލެވޭތޯ. ފިނޮޅަކަށް ދެވުމުން ވަރަށް ތަފާތު އިހުސާސްތަކެއް ވެސް ކުރެވޭ" އެޑަމް ބުންޏެވެ.
ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތައް އޭނާގެ މަސައްކަތްތައް ހިއްސާ ކުރަމުން ގޮސް ފައިވާ އިރު މި ފިނޮޅުގެ ވީޑިއޯކޮޅު ޓިކްޓޮކްގައި ވެސް ވަރަށް ބޮޑަށް ވައިރަލް ވިއެވެ. އަދި ބޭރުގެ މަޖައްލާ ތަކުން އޭނާގެ މަސައްކަތް ފީޗާ ކުރުމުން އެއީ ލިބުނު ފަހުރެއް ކަމުގައި އެޑަމް ބުންޏެވެ. އެޑަމްގެ އަށް ލިބުނު މި ފަހުރަކީ މުޅި ރާއްޖެއަށް ލިބުނު ފަހުރެކެވެ.