އެޗްއައިއެޗް

އެޗްއައިއެޗުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފި

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި މަސައްކަތް ކުރަމުން އައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްއައިއެޗުން ވަކި ކުރި މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ އެމީހުންގެ ޝަކުވާތައް އަވަސް އާ ހިއްސާ ކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި އެ ހޮޓަލުގެ ވަޒީފާއިން ތިރީހަކަށް މުވައްޒަފުން ވަކިކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެމީހުންގެ ތެރޭގައި 27 ދިވެހިން ހިމެނޭ އިރު ތިން ބިދޭސީއަކު ވެސް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްއައިއެޗުން މިދިއަ އަހަރު މުވައްޒަފުން ނޯޕޭ ލީވަށް ފޮނުވި އެވެ. އަދި އެއްވެސް އާމްދަނީއަކާ ނުލައި އެ މުވައްޒަފުން ގޭގައި ތިއްބާ މީގެ ދެ ދުވަސް ކުރީން ވަޒީފާ އިން ވަކިކުރާ ކަމުގެ ނޯޓިސް ފޮނުވަން ފެށި އެވެ. އެވެ. އެ ނޯޓިހުގައިވާ ގޮތުން ވަޒީފާއިން ވަކިކުރި 30 މުވައްޒަފުންނަށް ދެ މަހުގެ ބޭސިކް މުސާރަ ދޭނެ އެވެ.

"ހުރިހާ އެންމެނަށް ވެސް [30 މީހުނަށް] ނޯޓިސް ފޮނުވާފައި ވަނީ އެކުއެކީގައި. [އެ ނޯޓިހުގައި] ބޭސިކް މުސާރަ ދޭނަމޭ ބުންޏަސް އެއިން ބަޑު ފުރާނަ މުއްތި ކުރެވޭ ވަރެއް ނުވާނެ. ކޮވިޑްގެ ހާލަތުގައި ވަޒީފާއެއް ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް،" ވަކި ކުރި މުވައްޒަފުންގެ ތެރެއިން އަވަސް އާ މައުލޫމާތު ހިއްސާ ކުރި އެކަކު ބުންޏެވެ.



ވީއައިއޭ އޮންނަ ހުޅުލޭގައި ޓޫރިސްޓް އެ ހޮޓާ ހިންގާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފޮނުވި ނޯޓިހުގެ ސިޓީގައި ބުނެފައި ވަނީ ވަޒީފާގެ ގާނޫނުގައި ބުނާ ކުރު މުއްދަތު ދިނުމަށް ފަހު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށާއި ކޮވިޑްގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ވެސް ދަށް ކަމަށެވެ.

ނޯޓިސް ލިބުމުން އަވަސް އަށް ވާހަކަ ދެއްކި އެހެން މުވައްޒަކު ބުނި ގޮތުގައި ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެޗްއައިއެޗް ހިނގަމުން އައީ ރަނގަޅަށެވެ. އަދި ކަރަންޓީނު ފެސިލިޓީއަކަށް ބޭނުން ކުރުމަށް ފަހު ނޮވެންބަރު، 2020 ގައި ހޮޓާ ހުޅުވާލި އެވެ.

އޭނާ އަދި ބުނީ ހޮޓާ ހުޅުވާލުމުން ދުވާލަކު 70 ނޫނީ 80 ވަރަކަށް ކޮޓަރި ފުލްވާ ކަމަށާއި އެހިސާބުން ހޮޓަލުގެ މާލީ ހާލަތު ދަށްވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

ވަކިކުރި މުވައްޒަފުންގެ މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ވަޒީފާގެ ހައްގު ހޯދަން ޓްރައިބިއުނަލަށް ދާށެވެ. އަދި އޭގެ ކުރިން މިހާރު ވެސް ވަނީ އެ މައްސަލަ ލޭބާ ރިލެޝަންސް އޮތޯރިޓީގައި ޖައްސާ އެވެ.

"މަޑަކުން ނުތިބޭނަން، އިންސާފު ލިބެން ޖެހޭނެ،" ވަޒީފާ ގެއްލުނު އެކަކު ބުންޏެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބަހެއް ހޯދަން އަވަސް އިން ގުޅި އެވެ. ނަމަވެސް އެތާނގެ ފޯނުތަކުން އެއްވެސް ޖާބެއް ނުދެ އެވެ. އެޗްއައިއެޗުން ގިނަ އަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކޮށްފައި ވާއިރު މިދިޔަ އަހަރު އެޗްއައިއެޗްގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓުގެ މުވައްޒަފުން ތަކެއް ވެސް ވަޒީފާއިން ވަކިކުރި އެވެ.

ކޮވިޑްގެ ހާލަތަކާ ގުޅިގެން ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރަމުން އައި ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައި ވެއެވެ. އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުމުން ފަތުރުވެރިކަމަށް ބޮޑެތި ގެންލުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އަލުން ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ފަތުރުވެރިކަން އަންނަނީ ރަނގަޅުވަމުން ނެވެ.