މުހައްމަދު އަލީ ޖަނާހް

ބަހުރެއިންގެ އެންމެ ބޮޑު ބޯޓް ބިލްޑިން ކުންފުނި ރާއްޖެއަށް

ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް (އެޗްއާރްއައި) އިން ބަހުރެއިންގެ ބޯޓް ބިލްޑިން ކުންފުނި އަލް ދާއިން ބޯޓްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްއާރްއައިގެ ފަރާތުން އެކުންފުނީގެ ވައިސް ޗެއާ އަދި މެނޭޖިން ޑިރެކްޓަރު ނޫރައިން ޖަނާހް ސޮއިކުރެއްވިއިރު އަލް ދާއިންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސޭލްސް ޑިރެކްޓަރު ސަހްބީ ނަގާތީ އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން އެޗްއާރްއައިއާ ގުޅިގެން ރާއްޖޭގައި ބޯޓް ބިލްޑިންގެ މަސައްކަތް އަލް ދާއިންގެ ފަރާތުން ފަށާނެ އެވެ.

މިރަސްމިއްޔާތުގައި ސަހްބީ ވިދާޅުވީ އެކުންފުނީގެ ވިޔަފާރީ ރާއްޖޭގައި ފުޅާކުރުމަކީ ކުރިންވެސް އޮތް ޝައުގުވެރި ކަމެއް ކަމަށެވެ. އަދި އެޗްއާރްއައި އަކީ އެ ކުންފުނީގެ ޝައުގުވެރިކަން ހަގީގަތަކަށް ހަދައިދީ އަމާޒަށް ވާސިލްކޮށްދޭނެ ކުންފުނި ކަމުގައިވެސް ވިދާޅުވި އެވެ.

އެޗްއާރްއައިގެ ވެރިޔާ މުހައްމަދު ޖަނާހު އަލީ ވިދާޅުވީ އަލް ދާއިން ބޯޓްސްގެ އެހީގައި ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ބޯޓް ބިލްޑިން ފެކްޓަރީއެއް އަޅައި 2025 ވަނަ އަހަރު ހިސާބުގައި މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަަމަށެވެ.

"ރާއްޖެ ޓޫރިޒަމްގައި ކުރިއެރުންތައް ހޯދަމުންދާއިރު ބޯޓު ބަނުމުގެ މަސައްކަތްވެސް ކުރިއަރައިގެން ދިއުން ރަނގަޅު،" ޖަނާހު ވިދާޅުވި އެވެ.

ބޯޓު ބަނުމުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި އަލް ދާއިން އަކީ މަސްދޯނީގެ އިތުރުން ކޮމާޝަލް އަދި އަސްކަރީ ލޯންޗު ފަދަ އުޅަނދުތައް ބަނުމުގެ ހިދުމަތްވެސް ދޭ ކުންފުންޏެކެވެ. މެދުއިރުމަތީގެ ގައުމުތަކުގައި މަޝްހޫރު މި ކުންފުޏަކީ ބަހުރައިންގެ އެންމެ ފުޅާކޮށް ބޯޓު ބަނުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ.