ވިޔަފާރި

ނާޓާސް ހޮލިޑޭ އެކްސްޕޯގައި ރާއްޖޭން ބައިވެރިވެއްޖެ

ސިންގަޕޫރުގައި އޮންނަ "ނާޓާސް ހޮލިޑޭ އެކްސްޕޯ"ގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ އެވެ.

އިއްޔެއިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ސިންގަޕޫރުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިސް ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިސްތިހާރު ކުރެވޭނެ އިތުރު ގޮތްތައް މަޝްވަރާ ކުރެވޭނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނިން ބުނެ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން އޭޝިއާ ސަރަހައްދުގައި އިސްތިހާރު ކުރުމަށް ލިބޭ ފުރުސަތެއް ކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ފަތުރުވެރިކަމުގެ މި އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ވަނީ ފަސް ކުންފުންޏެއް ބައިވެރިވެފަ އެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

މި އެކްސްޕޯގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒު ކޮށްދޭ ގޮތަށެވެ. އެތަނުން ދިވެހި ކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތާއި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ބަލައިލުމުގެ ފުރުސަތު ވަނީ ހަމަޖައްސާފަ އެވެ.

1987 ގައި ފެށި ނާޓާސް ހޮލިޑޭ އެކްސްޕޯ އަކީ ސިންގަޕޫރުގެ ފަތުރުވެރިންނާއި އޭސިއާގެ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު އެކްސްޕޯ އެކެވެ. އަހަރަކު ދެ ފަހަރު ބާއްވާ މި އެކްސްޕޯގައި ފަތުރުވެރިކަމުން ލިބިފައި ހުރި ކުރިއެރުންތައް ދައްކާލުމުގެ އިތުރުން، ޗުއްޓީ ރާވާލުމަށް ފުރުސަތުތައް ފަހިކޮށްދެ އެވެ.