ސައުދީ އަަރަބިއްޔާ

ސައުދީ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށްފި

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ރިޔާދު ޓްރެވަލް ފެއާގައި ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ޕްރޮމޯޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކޮށްފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރިޔާދު ޓްރެވަލް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ސައުދީ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މި ފެއާގައި ގާއިމުކޮށްފައިވާ ސްޓޭންޑުތަކުން ރާއްޖޭގެ ފަތުުރުވެރިކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ސްޓޭންޑުން ދިވެހި ކެއުންތަކުގެ ރަހަތައް ބަލާލުމުގެ ފުުރުސަތު ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނަށް ހަމަޖައްސާފައިވާއިރު ދިވެހިވަންތަ ގިވް އަވޭސްތައްވެސް ދަނީ ދެމުންނެެވެ.

އެމްއެމްޕީއާރްސީ އިން ބުނީ މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ މާކެޓްގައި ޕްރޮމޯޓްކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރިސޯޓް، ހޮޓެލް އަދި ގެސްޓް ހައުސް ވިޔަފާރިން ފަތުރުވެރިންނަށް ލިބޭ ގިނަގުނަ ހިދުމަތްތައް އިޝްތިހާރު ކުރަމުން ދާނެ ކަމަށެވެ.

ރިޔާދު ޓްރެވެލް ފެއާގައި ދުނިޔޭގެ 32 ގައުމަކުން 25 އެގްޒިބިޓަރުންނާއި، ދުނިޔޭގެ 18 ގައުމެއްގެ ޓޫރިޒަމް ބޯޑުގެ ބޭފުޅުން ބައިވެރިވެ އެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 9 ކުންފުންޏަކުން 17 މަންދޫބުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވެލް އެޖެންޓުންނާއި، ފަތުރުވެރިކަމުގެ އެހެނިހެން ހިދުމަތްދޭ ފަރާތްތައް ހިމެނެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު މި ފެއާގެ ހަރަކާތްތައް ފަށާފައިވާއިރު މިއަދު މިއީ ފެއާގެ އެންމެ ފަހު ދުވަހެވެ. ރިޔާދު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަންގައި ކުރިއަށްދާ މި ފެއާއަށް މިހާތަނަށް 23،783 މީހުން ޒިޔާރަތްކޮށްފައިވެ އެވެ.

ރިޔާދު ޓްރެވެލް ފެއާ އަކީ މެދުއިރުމަތީގައި ބާއްވަމުން އަންނަ އެންމެ މަގުބޫލު ޓްރެވެލް އެންޑް ޓުއަރިޒަމް ފެއާއެވެ. އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި ފެއާ އަކީ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކޮށް، މި ދާއިރާގެ ވިޔަފާރިތަކަށް އެއްތާކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަމުންދާ ފެއާއެކެވެ. މިއަހަރުގެ ފެއާއަކީ މިގޮތުން ބާއްވާ 14 ވަނަ ފެއާ އެވެ.