އިޓަލީގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް މީޑިއާމޮންޑާ އެކު ވިޒިޓް މޯލްޑިވްސްއިން ފަށައިފި އެވެ.
މި ކެމްޕެއިންގެ ހަރަކާތްތައް ޑިސެންބަރު މަހުގެ ތިން ހަފްތާއަށް އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ހަފްތާއަށް ކުރިއަށް ގެންދާނެ އެވެ. ވިޒިޓް މޯލްޑިވްސް އަދި މީޑިއާމޮންޑްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން މިލާންގެ ހަ ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ އަދި ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެ އެވެ.
މި ކެމްޕެއިންގެ މަގްސަދަކީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް އެ ގައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް ފިނި މޫސުމުގައި އެ ގައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އިހްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ހެދުންވެސް ހިމެނެއެވެ.
މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިންނަށް ހާއްސަ މަންޒިލެއް ނޫންކަން އިޓަލީގެ ފަތުރުވެރިންނަށް އަންގައިދީ ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ އިތުރު ސެގްމަންޓުތައްކަމަށްވާ ވެލްނަސް، ރޮމޭންޓިކް، ޑައިވިން އަދި ވޯޓާ ސްޕޯޓްސް ފަދަ ސެގްމެންޓުތައް އިޝްތިހާރު ކުރާނެ އެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައްވެސް ބުނެދޭނެ އެވެ.
މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް އަމާޒުކޮށް ވެލްކަމް ޓްރެވަލްސް، އީޒީ މާކެޓް ކެމްޕެއިން އަދި ބިޓް މިލާން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް މި މާކެޓުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އީ-ލާނިން ކެމްޕެއިން, އެލްޕިޓުއާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިން އަދި ބްލުވަކަންޒާއާއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެއެވެ. މިދިޔަމަހުގެ 29 ވަނަ ދުވަހު އިޓަލީ ސަރުކާރުންވަނީ ރާއްޖެ އަދި އެހެން ގައުމުތަކާ އެކު ޓްރެވެލް ކޮރިޑޯ އެއް ގާއިމްކޮށްފަ އެވެ. މީގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ އިޓަލީ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބަލިމަޑުކަމުގެ ކުރިން އިޓަލީ މާކެޓްގައި ރާއްޖެ މަގުބޫލުކަން ހުރި މިންވަރަށް އަނެއްކާވެސް އިޔާދަ ކުުރުމެވެ. އަދި އިޓަލީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމެވެ.