މިދިޔަ އަހަރު ރާއްޖޭގެ އޮޕަރޭޓް ކުރި ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ ހުރީ 74.1 ޕަސެންޓް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ޓޫރިސްޓު އެރައިވަލް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 157 ރިސޯޓު އޮތެވެ. އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ގޮސްފައި ވަނީ 146 ރިސޯޓެވެ. އަދި މި ތަންތަނުގެ އެވްރެޖު އޮކިއުޕެންސީއަކީ 74.1 ޕަސެންޓެވެ.
މިދިޔަ 12 މަހުގެ އޮކިއުޕެންސީ
- ޖެނުއަރީ: 84.9 ޕަސެންޓް
- ފެބްރުއަރީ: 94.6 ޕަސެންޓް
- މާޗް: 83.7 ޕަސެންޓް
- އެޕްރީލް: 84.4 ޕަސެންޓް
- މެއި: 59.1 ޕަސެންޓް
- ޖޫން: 62.2 ޕަސެންޓް
- ޖުލައި: 65.9 ޕަސެންޓް
- އޮގަސްޓް: 75.0 ޕަސެންޓް
- ސެޕްޓެމްބަރު: 56.7 ޕަސެންޓް
- އޮކްޓޫބަރު: 72.5 ޕަސެންޓް
- ނޮވެމްބަރު: 71.2 ޕަސެންޓް
- ޑިސެމްބަރު: 79.5 ޕަސެންޓް
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މުޅި އަހަރު އެންމެ ބޮޑަށް އޮކިއުޕެންސީ ރަނގަޅު ވެފައި ވަނީ މިދިޔަ އަހަރުގެ ވެސް ޓޫރިޒަމްގެ މައި ސީޒަންގަ އެވެ. ހާއްސަކޮށް އާ އަހަރާއި ކްރިސްމަސް ހޮލިޑޭސްއާ ދިމާކޮށް އޮކިއުޕެންސީ ރޭޓް ވަނީ 84.9 ޕަސެންޓަށް އުފުލިފަ އެވެ.
އަދި ފެބްރުއަރީ މަހު އޮކިއުޕެންސީ ރޭޓް 94 ޕަސެންޓަށް އުފުލިފައި ވެއެވެ. އޮކިއުޕެންސީ އެންމެ ދަށްވެފައި ވަނީ އަހަރުގެ މެދު ތެރޭގަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮކިއުޕެންސީ ރޭޓް ވަނީ 56 ޕަސެންޓަށް ވެއްޓިފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން އައިސްފައިވެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގައި ރެކޯޑެކެވެ.