އިޓަލީގެ ރިމިނީ އެކްސްޕޯ ސެންޓަރުގައި ބޭއްވި ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2023 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން -- އެމްއެމްޕީއާރުސީ އިން ރާއްޖެ ޕްރޮމޯޓްކޮށްފި އެވެ.
އިޓަލީގެ ރިމިނީ އެކްސްޕޯ ސެންޓަރުގައި މިމަހުގެ 11 އިން 13 އަށް ބޭއްވި މި ފެއާއަކީ ފަތުރުވެރިކަން ޕްރޮމޯޓްކުރަން އިޓަލީގައި ބާއްވާ އެންމެ މުހިންމު އެއް ފެއާ އެވެ.
މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދާއިރާގެ ތަޖުރިބާކާރުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ހުށަހެޅުމުގެ ފުރުސަތުތައް ހުޅުވާލެވިފައިވެ އެވެ.
އެމްއެމްޕީއާރްސީން ބުނި ގޮތުގައި މި އިވެންޓްގައި ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ސިޓީ ހޮޓާތަކުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ތަޖުރިބާތައް ވަނީ ދައްކާލާފަ އެވެ.
އިޓަލީއަކީ ކޮވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިިކަމުގެ މާކެޓްގެ ތިންވަނައިގައި ހިމެނޭ ގައުމުކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިޓަލީ ފަތުރުވެރިންގެ އަދަދު 31 ޕަސަންޓް އިތުރުވެފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 360 ޑިގްރީ މާކެޓިން ހަރަކާތްތަކުގެ ދަށުން އިޓަލީގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީން ވަނީ އިޓަލީ މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއް ކުރިއަށް ގެންގޮސްފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ ޑިސެމްބަރު މަހުން ފެށިގެން އައިޓިއޭ އެއާވޭސްގެ ސީޒަނަލް ފްލައިޓް އޮޕަރޭޝަންތައް ފެށުމާއެކު އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.