ޓޫރިޒަމް

އިޓަލީގެ އެންމެ ބޮޑު ޓްރެވަލް އިވެންޓްގައި ރާއްޖެ އިސްތިހާރުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިޓަލީގެ ރިމިނީގައި ކުރިއަށްދާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2024ގައި ރާއްޖެ އިސްތިހާރުކޮށްފި އެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްއަކީ އިޓަލީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އިވެންޓެވެ. އިއްޔެ ފެށި މި އިވެންޓް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި އިވެންޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ 25 ކުންފުންޏެއްގެ 64 މަންދޫބުން ބައިވެރިވާ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

ބައިނަލްއަގުވާމީ އޮޕަރޭޓަރުންނާއި އިސްޑަސްޓްރީގެ މުހިންމު ފަރާތްތައް އެއްވާ މި އިވެންޓްގައި ޓޫރިޒަމް ބޯޑުތަކާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި އެއާލައިންތަކުގެ އިތުރުން އެކޮމޮޑޭޝަން ޕްރޮވައިޑަރުން ބައިވެރިވެ އެވެ.

މި އިވެންޓްގައި އެމްއެމްޕީއާރްސީ އިން ދަނީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި މީޑިއާތަކާ ބައްދަލުކޮށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރަމުންނެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ފަސް ވަނައިގައި އޮތް އިޓަލީ އިން އަހަރުގެ މިހާތަނަށް 108،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.