ޓޫރިސްޓް އެރައިވަލް

އެއްމިލިއަން ވަނަ ފަތުރުވެރިޔަކަށް ތައިލެންޑް މީހެއް

ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔަކަށް ތައިލެންޑްގެ މީހަކު ހޮވިއްޖެ އެވެ.

މިއީ މި ނަސީބު ލިބުނު ތައިލެންޑްގެ އުމުރުން 37 އަހަރުގެ ސުޓާޕާ އަމޯންވިވަތު ރާއްޖެއަށް ކުރި ދެވަނަ ދަތުރެވެ. އޭނާ ފުރަތަމަ ރާއްޖެ އައީ 2011 ވަނަ އަހަރު ކައިވެނިކޮށްގެން ހަނީމޫނަށެވެ.

ސުޓާޕާ މިއަދު ރާއްޖެ އައީ އޭނާގެ ފިރިމީހާ އާއި ދެ ކުދިންނާ އެކު ނިޔާމަ ޕްރައިވެޓް އައިލެންޑުގައި ޗުއްޓީ ހޭދަކުރުމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސްޓާޕާގެ އާއިލާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި އެއާޕޯޓާއި އިމިގްރޭޝަންގެ އިސްވެރިންނެވެ.

އެއްމިލިއަން ވަނަ ފަތުރުވެރިޔަކަށް ސްޓާޕާ ހޮވުމާ ގުޅިގެން ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަހު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ އޭނާއަށް ދީފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވީ ޖުލައި 16 ވަނަ ދުވަހު އެވެ.

ސަރުކާރުގެ މިއަަހަރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ.