ޓޫރިޒަމް

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތު މީހެއް

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކަށް އިނގިރޭސިވިލާތުގެ ބެންޖަމިން ޑަންކަން މޫރް ވެއްޖެ އެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ އިސްވެރިންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ.

މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ވޯލްޑް ޓްރެވަލް އެވޯޑްސް -- ޑަބްލިއުޓީއޭ އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލިބުމެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.