އެމްއެމްޕީއާރްސީ

އައިޓީބީ ޗައިނާގައި ރާއްޖެ ޕްރޮމޯޓްކުރަނީ

އައިޓީބީ ޗައިނާ 2024 ގައި ބައިވެރިވެ ޗައިނީސް ޓްރެވަލް މާކެޓަށް ރާއްޖެ ޕްރޮމޯޓްކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީން ވަނީ އައިޓީބީ ޗައިނާ 2024 އަށް ޝައުގުވެރިކަން ފާޅުކުރުމަށް ދާއިރާގެ ޕާޓްނަރުންނަށް ހުޅުވާލާފަ އެވެ.

އައިޓީބީ ޗައިނާ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 27 އިން 29 އަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި އެ ކޯޕަރޭޝަންގެ އަމާޒަކީ އައިޓީބީ ޗައިނާ 2024 އަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންގެ ވަކިވަކި އުފެއްދުންތަކާއި ތަޖުރިބާތައް ޕްރޮމޯޓްކުރުމަށް މަގުފަހިކޮށްދިނުމެވެ.

ޗައިނާގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަ މަގާމު އަލުން ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިމަހު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެދިވަޑައިގެންނެވި އެވެ.

ޗައިނާއަކީ ކޮވިޑް-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މިދިޔަ އަހަރުވެސް ޗައިނާއިން 187،118 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން ޒިޔާރަތްކުރީ 4،288 ފަތުރުވެރިންނެވެ.