ޗައިނާ

އަންނަ މަހު ޗައިނާއިން ރާއްޖެއަށް ގުރޫޕް ދަތުރުތައް ފަށަނީ

އަންނަ މަހު ޗައިނާގެ ޓްރެވަލް އޭޖެންސީތަކުން ރާއްޖެއަށް އުޓްބައުންޑް ގްރޫޕް ޓުއާތައް އަލުން ފަށަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ ޗައިނީސް އެމްބަސީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން ބައެއް ގައުމުތަކަށް ގުރޫޕް ދަތުރުތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ.

އެ ގައުމުން ގުރޫޕް ޓުއާތައް ފަށަން ނިންމީ ޖުމުލަ 20 ގައުމަކަށެވެ. މި ލިސްޓުގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

ޗައިނާގެ ޓްރެވަލް އޭޖެންސީތަކުން ގުރޫޕު ދަތުރުތައް ފަށަން ނިންމާފައިވާ ގައުމުތައް:

  • ދިވެހިރާއްޖެ
  • ލާއޯސް
  • މެލޭޝިއާ
  • ކެމްބޯޑިއާ
  • ރަޝިއާ
  • ކެންޔާ
  • ހަންގޭރީ
  • އާޖެންޓީނާ
  • މިސްރު
  • ކިއުބާ
  • އިންޑޮނޭޝިއާ
  • ތައިލެންޑް
  • ދެކުނު އެފްރިކާ
  • ފިޖީ
  • ސްރީ ލަންކާ
  • ނިއު ޒިލޭންޑް
  • ސްވިޒަލޭންޑް
  • ސިންގަޕޫރު
  • ޔޫއޭއީ
  • ފިލިޕީންސް

ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޗައިނާގެ ބޯޑަރުތައް ހުޅުވާލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

މިގޮތުން ބޯޑަރު ހުޅުވާލުމަށްފަހު އެ ގައުމުން ރާއްޖެ އައި ފުރަތަމަ ފްލައިޓު ވަނީ 198 ފަތުރުވެރިންނާއެކު މިދިޔަ ބުދަ ދުވަހު ރާއްޖެ އައިސްފައެވެ. އެއީ ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން އެ އަހަރު 284،029 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.