އެމްއެމްޕީއާރްސީ

ފްލިގީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް ޗައިނާގައި ރާއްޖެ އިސްތިހާރުކުރަނީ

ޗައިނާ މާކެޓުގައި ރާއްޖެ އިސްތިހާރުކުރަން އަލީބާބާގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ -- ފްލިގީއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އެވެ.

ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ.

މި އެއްބަސްވުމުގެ ސަބަބުން ޗައިނާ މާކެޓުގައި ރާއްޖެ މަޝްހޫރު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

ފްލިގީއަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން ޗުއްޓީ ހޭދަކުރަން ހިތްގައިމު ގުރުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް މުހިންމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓްގެ މަގާމު ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

އެމްއެމްޕީއާރްސީ އިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓްތަކުގައި ރާއްޖެއާމެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަގުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންނެވެ.

ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 184،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.