ޓޫރިޒަމް

މަހުޖަނުންނަށް ވިއްކަން ރާއްޖޭގައި އަގުބޮޑު ވިލާތަކެއް އަޅަނީ

ކ. ވިލިވަރުގައި 13 ލަގްޒަރީ ފްލޯޓިން ވިލާ އެޅުމަށް ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް) އާއި ފިންލެންޑްގެ މޭޔާ ފްލޯޓިން ސޮލިއުޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މަހުޖަނުންނަށް ވިއްކުމަށް ހާއްސަކޮށްގެން ވިލާތައް އެޅުމަށް 200 މިލިއަން ޑޮލަރު -- ތިން ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.

އެޗްއާރްއައިއެމް އަކީ ރާއްޖޭގައި އެންމެ އަގު ބޮޑު ރިސޯޓްތައް ހިންގާ ކުންފުންޏެކެވެ. އަދި މޭޔާ ފްލޯޓިން ސޮލިއުޝަނަކީ ކްރޫޒްލައިނާ ބަނުމަށް ދުނިޔޭގައި އެންމެ ނަން މަޝްހޫރު ކުންފުންޏެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެޗްއޭއާރްއައިއެމްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ލަގްޒަރީ ވިލާތައް އަޅާނީ ރާއްޖެއަށް އާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށެވެ. މިއީ އޭނާގެ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ފާހަގަކުރައްވާ ޖަނާހު ވިދާޅުވީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން މިމަޝްރޫއަށް ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"މި ކޮންސެޕްޓަށް ރާއްޖޭގެ އެހެން ރަށްތަކުގައިވެސް އަލްޓްރާ ލަގްޒަރީ ވިލާތައް އެޅުމަށްޓަކައި ބައެއް ތަންތަން ބަލަމުން މިދަނީ،" ޖަނާހު ވިދާޅުވި އެވެ.

ރާއްޖޭގައި އަޅާ ލަގްޒަރީ ވިލާތައް ވިއްކުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލައިގެން ކަމަށްވާތީ މި ވިލާތައް ގަނެވޭ ކަހަލަ މަހުޖަނުންނަށް ހާއްސަކޮށްގެން ހާއްސަ އިވެންޓެއް ބޭއްވުމަށް ވެސް މޭޔާ އަދި އެޗްއާރްއައިއެމް އިން ދަނީ ތައްޔާރުވަމުންނެވެ.

އެޗްއާރްއައިއެމް އާއި މޭޔާ އިން ބަލަނީ އަންނަ އަހަރުގެ ނިޔަލަށް މި ވިލާތައް ނިންމާލެވޭނެ ކަމަށެވެ.