އެމްއެމްއޭ

އޮކިއުޕެންސީ އިތުރު، އެކަމަކު އާމްދަނީ ވަރަށް ބޮޑަށް ދަށަށް

ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރުގެ ފުރަތަމަ 10 މަހު ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާގެ އޮކިއުޕެންސީ މިދިޔަ އަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ހުރީ 57 ޕަސަންޓް ގައެވެ. އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި ޓޫރިޒަމް ދާއިރާ އިން 3.4 ބިލިއަން ޑޮލަރު -- 52 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ 10 މަހުގެ އޮކިޕެންސީ ރޭޓް މިދިޔަ އަހަރުގެ 10 މަހުގެ އޮކިއުޕެންސީ ރޭޓަށް ވުރެ ދެ ޕަސަންޓް މައްޗެވެ. އެގޮތުން މިއަހަރުގެ
ފުރަތަމަ 10 މަހުގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓު ހުރީ 59 ޕަސެންޓް ގައެވެ. އެކަމަކު ޓޫރިޒަމް ދާއިރާ އިން މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ލިބުނީ 2.9 ބިލިއަން ޑޮލަރު -- 45 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ބޮޑު ދަށްވުމެކެވެ.

ޓޫރިޒަމް ދާއިރާ އިން މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ޖެނުއަރީގައި ލިބުނުއިރު އެ ދާއިރާގެ އާމްދަނީ އެންމެ ދަށްވީ މެއި މަހު އެވެ. ޖެނުއަރީގައި 589 މިލިއަން ޑޮލަރު -- 9 ބިލިއަން ރުފިޔާ ލިބުނުއިރު މެއި މަހު ލިބުނީ 213 މިލިއަން ޑޮލަރު -- 3.3 ބިލިއަން ރުފިޔާ އެވެ.

ޓޫރިޒަމްގެ ދާއިރާ އިން ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިއަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ ދަށްވެ އިގްތިސާދަށް ނުރައްކާވަމުންދާތީ ސަރުކާރުން ވަނީ ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމާފަ އެވެ. މީގެއިތުރުން ހަރަދު ކުޑަކުރުމުގެ ގޮތުން އާސަންދަ ނިޒާމަށް އަދި ސަބްސިޑީ ދޫކުރާ އުސޫލަށްވެސް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.