އެމްއެމްއޭ

ޑޮލަރު މާރުކުރަން 173 ރިސޯޓް ރަޖިސްޓާކޮށްފި

ރިސޯޓްތަކަށް ލިބޭ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގަވައިދެއް ހަދައި، އެ ގަވައިދުގެ ދަށުން ރަޖިސްޓްރީވުމަށް ހުޅުވާލުމުން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓެއް އެކަމަށް ރަޖިސްޓްރީ ވެފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން މިމައުލޫމާތު ހާމަކޮށްފައި މިވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހަދާފައިވާ ގަވައިދު ސަސްޕެންޑް ކުރުމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރާއި އެމްއެމްއޭގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

އެމްއެމްއޭ އިން އެކުލަވާލި މި ގަވައިދަށް އަމަލުކުރަން ފެށި މިދިޔަ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.

ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން މިގަވައިދުގެ ދަށުން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ހުޅުވާލުމުން މިވަގުތު ރާއްޖޭގައި ރިސޯޓުގެ ގޮތުގައި ހިންގާ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ރިސޯޓްތަކަށް ލިބޭ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގަވައިދެއް ހެދުމުން ރިސޯޓުތަކުގެ ޝަކުވާތަކެއްވެސް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއީ ކިހާ އަދަދެއްގެ ޝަކުވާއެއް ކަމެއް ނޭނގެ އެވެ.

ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު ނުލިބޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމްއެމްއޭ އިން ތައާރަފްކޮށްފައިވާ އާ ސިޔާސަތުގެ ދަށުން އެކުލަވާފައިވާ ގަވައިދު ހިމެނޭ ކެޓަގަރީ "އޭ" ގައިވާ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކު 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ކޮންމެވެސް ބޭންކަކަށް މާރުކުރަންޖެހެ އެވެ. އަދި ކެޓަގަރީ "ބީ"ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ރާއްޖޭެ ބޭންކަކަށް ޖަމާކުރަންޖެހެ އެވެ.

އެމްއެމްއޭގެ މި ނިންމުމަކީ ޓޫރިޒަމް ދާއިރާގެ ބައެއް ވިޔަފާރިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ނިންމުމެކެވެ. ވަކިން ހާއްސަކޮށް ރިސޯޓް އޯނަރުންގެ ޖަމިއްޔާ -- މަޓީގެ އިސް ބޭފުޅުން އެމްއެމްއޭގެ ނިންމުމާ ދެކޮޅެވެ. ނަމަވެސް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެމްއެމްއޭގެ ނިންމުން ރަނގަޅެވެ. ގިނަ ރައްޔިތުން ދެކޭ ގޮތުގައި މިއީ ގައުމުގެ އިގްތިސާދަށް ކޮންމެހެން ބޭނުންވާ ބަދަލެކެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރު އިތުރުވެ، ގައުމުގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށް ޑޮލަރު ލިބުމުގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެގެންދާނެ އެވެ. އަދި މިއީ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް ތަޖުރިބާކާރުން ދެކެ އެވެ.