އެމްއެމްއޭ

ފްލައިޓް ދަތުރުތައް ހަތަރު ޕަސެންޓް އިތުރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މި އަހަރުގެ ޖުލައިގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު ހަތަރު ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު ހުރީ 9،698 ގަ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9،284 ގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖުލައިގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 8،866 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 832 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައިގެ ނިޔަލަށް 22 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރުތައްކުރެ އެވެ.

ރާއްޖެއަށް މި އަހަރުގެ ޖުލައިގެ މަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.