ވިޔަފާރި

ރެސިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓު ހުޅުވައިިފި

ދެ ރިސޯޓެއްގެ ދެމެދު އަޅާފައިވާ އެންމެ ދިގު ބުރިޖާއެކު، ގއ. ދިގުރަށް ރިސޯޓު އިއްޔެ ހުޅުވައިފި އެވެ.

ސިންގަޕޫރުގެ ބޮނަވިސްޓާ ކުންފުނިން ތަރައްގީކޮށްފައިވާ ބޮޑު މި ރިސޯޓުގެ އަމަލީ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) އިންނެވެ. -- އެޗްއާރުސީއަކީ ބޮނަވިސްޓާ ކުންފުނިން ރާއްޖޭގައި ހިިންގާ ވިޔަފާރީގެ މަސައްކަތްތަކުގެ އެއް ޕާޓްނަރެވެ.

ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށު ގެ ނަމުގައި މި ރިސޯޓުގެ ސޮފްޓް އޯޕެނިން އަށް ފަހު ފުރަތަމަ ޓޫރިސްޓަށް އެ ރިސޯޓުން އިއްޔެ ވަނީ މަރުހަބާ ކިޔާފަ އެވެ. ރިސޯޓުން ބުކިން ހުޅުވާލުމާއެކު ފުރަތަމަ އެ ރިސޯޓަށް އައިސްފައިވަނީ ތައިވާންގެ ދެ މަފިރިންނެވެ.

ދިގުރަށް ރިސޯޓުގައި 173 ކޮޓަރި ހުރެ އެވެ. މިއީ ދިވެހި އެއް ކޮންޓްރެކްޓަރަކު މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މީގެ ކުރިން ދިވެހި ކޮންޓްރެކްޓަރުން އާއްމު ގޮތެއްގައި މަސައްކަތް ކުރަނީ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ބައިތަކުގަ އެވެ.

ގާތްގަނޑަކަށް 1.5 ކިލޯ މީޓަރުގެ ދިގު ބްރިޖަކުން ގުޅާލާގައިވާ ރެސިޑެންސް މޯލްޑިވްސް ދިގުރަށް މެނޭޖުކޮށް ބަލަހައްޓަނީ މަޝްހޫރު ހޮޓެލް ބްރޭންޑް ސެނިޒާރޯ އިންނެވެ.

ގއ. އަތޮޅުގައި އޮތް އެންމެ ބޮޑު އެއް ފަޅުރަށް ކަމަށްވާ ދިގުރަށުގައި ހެދި ރެސިޑެންސް ބްރޭންޑުގެ މި ރިސޯޓަކީ ސެނިޒާރޯ ކުންފުނިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ.

ރެސިޑެންސް މޯލްޑިވްސް ރިސޯޓުތައް ތަރައްގީކޮށްފައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ބޮނަވިސްޓާ ހޯލްޑިން ގުޅިގެން ދަނީ ގއ. ގައި ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެޗްއާރުސީ އިން ޕާޓްނަރުންނާއެކު ގއ. ކޫއްޑޫގައި ދުނިޔޭގައި ވޯޓާ ވިލާއާއެކު ހުޅުވި ފުރަތަމަ އެއާޕޯޓް ހޮޓަލް ހިންގަމުންދެ އެވެ.

ރާއްޖޭގައި މިހާރު 140 ރިސޯޓެއް ދަނީ ތަރައްގީ ކުރަމުންނެވެ. މި އަހަރުގެ މިހާތަނަށް 11 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ.