ބ އަތޮޅުގެ ފަރަކާއި ފިނޮޅުތަކެއް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތް އެ އަތޮޅު ކައުންސިލުން ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ، ބ. އަތޮޅުގެ ފިނޮޅުތައް ކުއްޔަށް ދޫކޮށްގެން މާލީގޮތުން ކައުންސިލަށް އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ހޯދުމަށްޓަކައި މަޝްވަރާ ކުރުމަށްފަހު ހަތް ފިނޮޅެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އެ އަތޮޅުގެ ބައެއް ފަރުތައްވެސް ކުއްޔަށް ދޫކުރުމަށް ވިސްނާފައިވާ ކަމަށާއި މިވަގުތު އެއް ފަރު ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކުއްޔަށް ދޫކުރަން ނިންމާފައިވާ ފިނޮޅުތަކަކީ ގިރާވަރު ދެ ފިނޮޅާއި، ވިލިނގިލި ފަރު ފިނޮޅާއި، ހޮރުބަދޫ ބިންމަތި ފަރުފިނޮޅާއި، ދޫގަނޑު ފިނޮޅު އަދި ނުރަ އުފުރިފަރު ފިނޮޅުގެ އިތުރުން ކަށިދުއްފަރު ފިނޮޅެވެ. މީގެ ތެރެއިން ފަސް ފިނޮޅެއް ކުއްޔަށް ނަގާނެ ބަޔަކު ހަމަޖެހި ބިޑް ކޮށްފައިވާ ކަމަށާއި މިހާރު އެއްބަސްވުން އެކުލަވާލުމުގެ ފަހު މަރުހަލާތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ފަސް ފިނޮޅުން އަހަރަކު 2.8 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ" އަފްރާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފިނޮޅެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަރުތައް ދޫކުރަނީ 25 އަހަރުގެ މުއްދަތަކަށެވެ.
"މުއްދަތު އިތުރު ކުރެވޭނީ އެއް އަހަރު ދުވަހުގެ ތަޖުރިބާއަށް ބަލާފައި،" އަފްރާހު ވިދާޅުވި އެވެ.
ބ. އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު ތިމާވެށީގެ ގޮތުން މުއްސަނދި އެތައް ތަނެއް ވިއްކައިގެން ނަފާ ހޯދިދާނެ ކަމަށް އަފްރާހް ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންނަށް ފައިދާ ކުރާނެ ގޮތަކަށް މި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން އާމްދަނީ ނެރެން" އަފްރާހު ވިދާޅުވި އެވެ.
ބ. އަތޮޅުގައި މިހާރު 17 ރިސޯޓެއް ހިންގަމުންދާއިރު މި ރިސޯޓުތަކުން އަތޮޅަށާއި ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަންވެސް އަފްރާާހު ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ މަޝްވަރާތައް ކޮށްގެން އަތޮޅަށް މަލީ ގޮތުން ފައިދާ ކުރާނެ މަޝްރޫއުތައް ހިންގަން" އަފްރާހު ވިދާޅުވި އެވެ.