ވިޒިޓް މޯލްޑިވްސް

"ތައްޔާރުވާނީ ކާމިޔާބީ ދަމަހައްޓަން"

ރާއްޖޭގެ ޓޫޒިޒަމްގައި އަންނަ އަހަރަކީ ވަރަށް ވާދަވެރި އަހަރަަކަށް ވާނެ ކަމަށާއި ރާއްޖެއިން މަސައްކަތް ކުރާނީ މި އަހަރު ލިބުން ކާމިޔާބީތައް ދަމަހައްޓަން ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަބަދުވެސް ފާޑުކިޔުުންތައް އަމާޒުވެފައި އޮންނަ އެމްއެމްޕީއާރްސީން މިއަހަރު ޓޫރިޒަމްގެ ކާމިޔާބުތަކުގެ ގޮތުގައި މިއަދު ނިއުސް ކޮންފަރެންސެއް ބާއްވައި ސިފަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓްތަކަށް ލިބުނު އެވޯޑްތަކެކެވެ. އެފަދަ ގިނަ އެވޯޑްތައް ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބެ އެވެ.

ތޮއްޔިބު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޔަތުގައި މި އަހަރު ރާއްޖެއަށް ލިބުނު ކާމިޔާބީތަކުގެ އަސްލަކީ ކޮވިޑާއެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަލުން ހުޅުވާލަން ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ނިންމެނި ނިންމެވުން ކަމަށެވެ. އަދި އެއީ މި އަހަރުގެ ޓޫރިޒަމްގެ ކާމިޔާބީގެ ފެށުން ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މިއަހަރު ރާއްޖެއަށް 17 އެވޯޑެއް ލިބުނެވެ. އޭގެތެރޭ ހިމެނޭ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑަކީ އަދި މިހާތަނައް ރާއްޖެ އަށް ލިބުނު އެންމެ ޝަރަފުވެރި އެވޯޑެވެ. ތޮއްޔިބު ވިދާޅުވީ އޭގެ ސަބަބަކަށް ރާއްޖެއާ ވާދަކުރާ ގައުމުތަކުން އިތުރަށް ތައްޔާރުވާއިރު ރާއްޖެއިން ވެސް ކާމިޔާބު ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ބްރޭންޑް އިސްތިހާރު ކުރުމުގައި ބޭނުން ކުރާ "ވިޒިޓް މޯލްޑިވްސް" އިން މި އަހަރު 412 ހަރަކާތެއް ހިންގި ކަމަށާއި އޭގެ ތެރެއިން 46 ހަރަކާތެއްގެ މިހާރުވެސް ހިނގާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަދި މީގެ ތެރެއިން 314 ހަރަކާތަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ކުރިޔަށް ގެންދިޔަ ކަންކަމެވެ.