ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކުރެވޭނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
ބަޖެޓުގައި ފަތުރުވެރިންގެ އަމާޒެއް ސަރުކާރުން ކޮންމެ އަހަރަކު ހިމެނި ނަމަވެސް އެ އަދަދަށް ފަހުން ކުދިކުދި ބަދަލުތައް އާދެ އެެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު މީގެކުރިން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ އަމާޒު ދެ މިލިއަން ފަތުރުވެރިންނަށް ބަދަލުވުމަކީ ވެސް ވެދާނެ ކަމެކެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އަންނަ އަހަރުގެ އަމާޒާ ގުޅޭގޮތުން ވާހަކަދެއްކެވީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ތޮއްޔިބު ވިދާޅުވީ ސަރުކާރުން ކަނޑައަޅާ އަމާޒު ހާސިލްކުރަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެކަން ކުރުމަށް އެމްއެމްޕީއާރްސީން ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެއްވާ ކޮންމެ ޓާގެޓަކަށްވެސް އަޅުގަނޑުމެން އުންމީދާ އެކު މަސައްކަތް ފަށާނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު،. އަޅުގަނޑުމެންނަށް އޮންނާނީ އެ އަމާޒަށް މަސައްކަތް ކުރުން،" ތޮއްޔިބު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަކި އަމާޒެއް ދެއްވުމުން ވަގުތުން މަސައްކަތް ފަށައިގަންނާނެ ކަމަށާއި އެމްއެމްޕީއާރްސީގެ ޓީމު އެ މަސައްކަތުގައި ސާބިތުވެ އޮންނާނެ ކަމުގައިވެސް ތޮއްޔިބު ވިދާޅުވި އެވެ. ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައަޅާ އަމާޒަށް ވާސިލްވުމަކީ އެމްއެމްޕީއާރްސީގެ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
ތޮއްޔިބު ވިދާޅުވީ މިއަހަރުގެ އަމާޒު ސަރުކާރުން ކަނޑައެޅީ ވަރަށް ބޮޑަށް މަޝްވަރާކޮށް ވަރަށް ގިނަ ކަންކަމާ މެދު ވިސްނާފައި ކަމަށެވެ. މިއަހަރުގެ އަމާޒަށް ވާސިލްވުމަށް އެމްއެމްޕީއާރްސީ އިން ވަރަށް ބުރަ އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމުގައިވެސް ވިދާޅުވި އެވެ.
"މިއީ މުޅި ސަރުކާރަށާއި މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ،" ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ އަމާޒު ހާސިލްކުރުމަށް ރާއްޖެއިން މަސައްކަތް ފެށީ ރާއްޖެއާއި ވާދަވެރި ގައުމުތަކަށް ވުރެ ފަހުން ކަމަށެވެ. އަމާޒު ހާސިލްވެފައި ވަނީ އަހަރު ނިމެން 10 ދުވަސް އޮއްވާ ކަމަށްވާތީ އެއީ ވެސް ރަނގަޅު މަސައްކަތެއް ކުރެވިގެން ކުރެވުނު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.