ސަރުކާރުން މި އަހަރު ކަނޑައެޅި އަމާޒުގައި ހިމެނޭ އަދަދަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އޮތޯރިޓީ (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
މިއަހަރު ފެށި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރާއްޖެއަށް މިއަހަރު ފަތުރުވެރިން ރިކޯޑް އަދަދަކަށް ގެންނާނެ ކަމަށް ވިދާޅުވެ އަމާޒެއް ކަނޑައަޅުއްވާފަ އެވެ. އޭރު އެ މަނިކުފާނުގެ އަމާޒެއްގެ ގޮތުގައި އިއުލާން ކުރެއްވީ 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާ ހަވާލުވެ އޮންނަ އެމްއެމްޕީއާރްސީން މިއަދު ވަނީ ނޫސްވެރިނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަނުން ބުނީ މިއަހަރު ނިމެން މަސް ދުވަހަށް ވެފައިވާއިރު އޭގެ މާ ކުރިޔަށް ސަރުކާރުގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށެވެ. އަދި މިއަދު ދިން ތަފާސްހިސާބުތަކުގައި ބުނީ މިމަހުގެ ފަހު ހަފުތާގައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާޢްޖެ އަންނާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވީ 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ވާނީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއަކަށް ކަމަށާއި އެކަން ކުލަ ގަދަކޮށް ފާހަގަ ކުރަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އަމިއްލަ ކުންފުނިތަކާއި ޓުއަރިޒަމް މިނިސްޓްރީ އާއި އަދިވެސް ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން އެދުވަހުގެ ހަރަކާތްތައް ރާވާ ހިންގަން މަސައްކަތްތައް ކުރާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ [ޓޫރިސްޓް އެރައިލްވަލްގައި] މިއީ ވަރަށް ކާމިޔާބު އަހަރެކޭ. ރައީސް ސޯލިހުގެ ޓާގެޓަށް އަޅުގަނޑުމެންނަށް ވާސިލްވެވުނީ އަހަރު ނިމެން އެއްމަސްވެސް އޮއްވާ މިއީ ހަމަ ރެކޯޑެއް. އަދި ސަރުކާރަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކޭ އަޅުގަނޑު ދަންނަވަނީ. މިކަން ވަރަށް ކުލަ ގަދަ ކޮށް ފާހަގަކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ..." ތޮއްޔިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި ބޮޑު ހިޔާނާތާ ގުޅިގެން އެ ކޯޕަރޭޝަންގެ ނަމަށް ކިލަނބު ކަމެއް އައިސްފައިވީ ނަމަވެސް އެކަން މި ސަރުކާރުން ބަދަލު ކުރާނެ ކަމަށާއި އެފަދަ ތުހުމަތުތައް އަޔަ ނުދޭން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބައެއް މަސައްކަތްތަކުގެ ތަފުސީލަށް ވެސް ތޮއެްޔިބު މިއަދު ވަޑައިގެންނެވި އެވެ. އެ ގޮތުން ޓުއަރިޒަމް އިޝްތިހާރު ކުރަން ހިންގާ ހަރަކާތްތަކުގެ ބައެއް ތަފުސީލް ދެއްވި އެވެ. ވިދާޅުވީ މިއަހަރު ނިމެންދާއިރު ޓުއަރިޒަމް އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އެ މަސައްކަތް ހިނގާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ގޮންޖެހުންތަކާއެކުގައި ކަމަށް ވެސް ވިދާޅުވި އެވެ. -- މި ސަރުކާރުގައި ވަނީ އެމްއެމްޕީއާރްސީގެ ޕްރޮމޯޝަން ބަޖެޓް ބޮޑުކޮށްފަ އެވެ.
މިއަހަރު ކުރި ބައެއް މަސައްކަތްތައް
- ދުނިޔޭގެ 21 މާކެޓެއްގެ 23 ފެއާއެއްގައި ބައިވެރިވި
- 33 ރޯޑް ޝޯ ބޭއްވި
- ބޭރުގެ 16 މީޑިއާއެއް ނޫސްވެރިން ރާއްޖެ ގެނައުން
- 11 ގައުމެއްގައި ޕީއާރް ރެޕްރެސެންޓޭޝަން ދިނުން
- ބޭރުގެ ބޮޑެތި ކުންފުނިތަކާއެކު ފަސް ޖޮއިންޓް ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔަ
- ދެ އެމްބަސީއަކާއެކު ކައިރިން މަސައްކަތް ކުރި
- ގެސްޓް ހައުސް ޓްރެއިނިންތައް ކުރިއަށް ގެންދޭ
- ބީބީސީއާއެކު ގްލޯބަލް ކެމްޕެއިނެއް ފެށި
- ރާއްޖޭގައި ފަތުރުވެރިކަމުގެ ދެ ކެމްޕޭނެއް ކުރިއަށް ގެންދޭ
- 12 ފަރާތަކަށް އެންޑޯސްމަންޓް ހަވާލުކުރި
- ކޮންމެ ހަތަރު ދުވަހަކަށް ހަރަކާތެއް ވަނީ ހިންގި
އެމްއެމްޕީއާރްސީން މިއަހަރުގެ ޕްރޮމޯޝަން ހަރަކާތްތައް ފެށީ ބޮޑު ބަޖެޓަކާއެކު އެވެ. މި އަހަރުގެ ހަރަކާތްތައް ހިންގި އިރު އެ ފަރާތުން ކުރިން ދިވެހި މިޑިއާގެ ނޫސްވެރިން ބޭނުން ކުރި ގޮތަށް ދިވެހި ނޫސްވެރިން ބައިވެރިކޮށްފައެއް ނުވެއެވެ. ނަމަވެސް މި މަހު އިނގިރޭސި ވިލާތުގެ ލަންޑަނުގައި ނިންމާލި ޑަބްލިޓީއެމް ފެއާގައި އެމްއެމްޕީއާރްސީން އިސްކަން ދޭ ބައެއް މީޑިއާ ހައުސްތަކުގެ ނޫސްވެރިން ބައިވެރި ކުރި އެވެ. އެ ކޯޕަރޭޝަނުން ދިވެހި މީޑިއާއަށް ސަމާލުކަން ނުދިން ނަމަވެސް ބޭރުގެ ނަން މަޝްހޫރު ނޫން އާދައިގެ މެގަޒިންތަކުގައި ލިޔާ ކޮލަމިސްޓުންނާއި ބައެއް ލިޔުންތެރިން ކަމަށް ބުނާ މީހުން ރާއްޖެ ގެނެސްގެ ހަރަދުތައް ކުރެއެވެ.