އެމްއެމްޕީއާރްސީ

އެމެރިކާގައި ރާއްޖެ އިޝްތިހާރު ކުރަނީ

އެމެރިކާގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދޭ އައިޑީ ޓްރެވަލް ގްރޫޕާއި އެކު އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމާ ގުޅޭ ކެމްޕޭނެއް ފަށައިފި އެވެ.

އައިޑީ ޓްރެވަލް ގްރޫޕް އަކީ ބައިނަލްއަގްވާމީ ފެންވަރުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، ޕެކޭޖުތައް ވިއްކުމާއި މާކެޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންސީ އަދި އެޑްވައިޒަރީ ކުންފުނިތަކާއެކު މަސައްކަތް ކުރެ އެވެ.

ކެމްޕެއިންގެ ދަށުން އައިޑީ ޓްރެވަލް ގްރޫޕްގެ މެންބަރުންނަށް ރާއްޖޭގެ މައުލޫމާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. އެގޮތުން އީމެއިލް، އެޑް، އާޓިކަލްތައް މެދުވެރިކޮށް އައިޑީ ޓްރެވަލް ގްރޫޕްގެ އެކި މެންބަރުންނަށް ރާއްޖޭގެ އެކި މައުލޫމާތާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ތަންތަނާއި، ތަފާތު ތަޖުރިބާތައް ހިއްސާކުރެވޭނެއެވެ.

މިދިޔަ މަހު ފެށި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ އެމެރިކާގެ މާކެޓްގައި ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި އެ ތަންތަނުގައި އަޅާފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމެރިކާގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދޭނެ ކަމަށެވެ.

މިއީ އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ބައިވެރިވި ހަރަކާތެކެވެ. މީގެ ސަބަބުން އެމެރިކާ އަދި ދުނިޔޭގައި ޑައިވިން އަދި މޫދު ކުޅިވަރުގެ އެކި ހަރަކާތްތަކަށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.