މޯލްޑިވްސް ޕޮލިސް ސާވިސް

ތަންތަނަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބަލަން ފުރުސަތު ނުދޭނަން: ފުލުހުން

މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ބުނެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

ފުޓްބޯޅައިގެ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ ޔޫރޯ މިރޭ ފަށާނެ އެވެ. މީގެ ކުރިންވެސް ޔޫރޯ އާއި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް ހުސް މައިދާންތަކުގައި ބޮޑު ސްކްރީން ހަރުކޮށްގެން މުބާރާތް ބެލުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ.

ފުލުހުން ބުނީ ކޮވިޑް 19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށް ވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް އެކަން ކުރުމަށް ހުއްދަ ނުދޭ ކަމަށެވެ.

"އެހެންކަމުން މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން،" ފުލުހުންގެ ބަޔާނުގައިވެއެވެ. "މިއީ އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު. އަޅުގަނޑުމެންގެ ދުއާ އަކީ، މާތް ﷲ ގެ އިރާދަފުޅާއެކު ވީހާވެސް އަވަހަށް އާންމު ދިރިއުމަކަށް ދެވޭނޭ މަގު ތަނަވަސްވުން،"